އިންޑިއާއިން ރާއްޖެއަށް ގެންނަ މުދަލުން ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތް ހަދަން ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)އާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާރުބީއައިއާ އެކު ހެދި އެމްއޯޔޫގައި މަރުކަޒީ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި, އާރުބީއައިގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ގަވަރުނަރު ޝްރީ ޝަކްތިކަންދާ ދާސްއެވެ.
އެ އެމްއޯޔޫއިން، ކަރަންޓް އެކައުންޓް މުއާމަލާތްތަކުގައިއާއި ހުއްދަކުރެވޭ ކެޕިޓަލް އެކައުންޓް މުއާމަލާތްތަކާއި އެހެނިހެން ވެސް އިގުތިސާދީ މާލީ މުއާމަލާތްތައް ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތިން ދިވެހި ރުފިޔާއާއި އިންޑިއާ ރުޕީން ކުރުމަށް ބާރުއަޅާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ. އަދި, އެގޮތަށް ހަމަޖެހުމުން، ދެ ގައުމުގެ ވިޔަފާރިތަކުން މުދަލާއި ޚިދުމަތް އެތެރެކުރުމާއި ބޭރުކުރުމުގައި އެ ބައެއްގެ އަމިއްލަ ފައިސާއިން ބިލްކޮށް އަދި އެ ބިލްތަކުގެ ސެޓްލްމަންޓް ހެދޭނެ ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރިއެވެ.
"އަދި މި ކަމުގެ ސަބަބުން ފޮރިން އެކްސްޗޭންޖް މާކެޓުގައި މި ދެ ފައިސާ ޓްރޭޑް ކުރުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. އަދި ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރެވޭ ގޮތް ވުމުން ޚަރަދު ކުޑާވެ ސެޓްލްމަންޓް ހިނގާ ވަގުތު އަވަސް ވެގެންދާނެއެވެ." އެމްއެމްއޭއިން ބުންޏެވެ.
މީގެ އިތުރުން, މި އެމްއޯޔޫއާއެކު ދެ ބޭންކުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ މެދުގައި ކުރާ ވިޔަފާރި އިތުރަށް ފުޅާވެ، އިގުތިސާދީ ގުޅުން ވަރުގަދަވާނެ ކަަމށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެ ޑޮލަރުގެ ތާށިކަން ކުރިމަތިވެފައިވާއިރު، މި ސަރުކާރުން އަންނަނީ ބޭރު ގައުމުތަކާއެކު ކުރާ ވިޔަފާރީގައި އަމިއްލަ ފައިސާ ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑިއާގެ އިތުރުން ޗައިނާއާއެކު ވެސް މަޝްވަރާތައް ބާއްވަން ނިންމައިފައިވާކަން އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަހަރުގެ މެދު ތެރޭގައި ހާމަކޮށްފައެވެ.
މީގެ އިތުރުން ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތްތައް ފެށުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައި، އެކަން މިދިޔަ މަހުގެ 20ގައި އިއުލާން ކުރައްވައިފައިވެއެވެ.
އޭގެ ކުރިން، އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތަށް ވަނީ އިފުތިތާހުކޮށްފައެވެ.