ބަންކަރިން ޚިދުމަތާމެދު ޝައްކު އުފައްދަން ކުރީގެ ވެރިން ދައްކަވާ ވާހަކަ ގައުމިއްޔަތާ ދެކޮޅު: ސައީދު

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުން. ރަަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރުން މިއަދު އަލަށް ފެށި ބަންކަރިންގެ ޚިދުމަތާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ކުރީގެ ވެރިންތަކެއް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ގައުމާމެދު ހެޔޮ އެދިގެން ދައްކަވާ ވަހަކަފުޅެއްތޯ އެ ބޭފުޅުން އަމިއްލަފުޅަށް ސުވާލު އުފައްދަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެެވެ.

މިނިސްޓަރު މިފަަދައިން ވިދާޅުވީ ބަންކަރިން ޚިދުމަތް ފެށުމަށް މިއަދު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުކުރެއްވުމަށް ޓަކައި ރައީސް ގެންގުޅުއްވާ ތަސައްވުރަށް ޓަކައި މަސައްކަތް ފެއްޓެވީ އިއްޔެއަކު މިއަދަކު ނޫންކަމަށެވެ.

ނަމަވެސް ބަންކަރިން ޚިދުމަތް ފެށުމަށް ޓަކައި މަސައްކަތްތައް ސަރުކާރުން ފެށުމާއެކު ވަރަށް ބޮޑަށް މިކަމާމެދު ޝައްކު ކުރެއްވި އިސްވެރިން ތަކެއް ތިއްބެވިތަން ފެނިވަޑައިގެންކަމަށް ސައީދު ވިދާޅުވިއެވެ.

"އޭގެ ތެރޭގައި ދައުލަތުން ލައްކައިން މުސާރަ ނަންގަވާ ބޭފުޅުން ވެސް ވަހުމުތަކާއި ޝައްކުތައް ކުރުވައި މި ކަން ވިޔަ ނުދިނުމަށް ޓަކައި ހަމަ ފައި ވިއްދާފައި، ރާއްޖެ ބަނގުރޫޓުކުރުމަށް މި ކަން ވެސް ވިޔަ ނުދިނުމަށް ޓަކައި ދެ ލައްކައެއްހައި ރުފިޔާ މުސާރަ ވެސް ނަންގަވައިގެން ހަމަ ރެޔާއި ދުވާލު ބޮޑެތި ވާހަކަތައް ދައްކަމުން ގެންދެވީ،" ސައީދު ވިދާޅުވިއެވެ.

ބަންކަރިންގެ ޚިދުމަތް އިހަވަންދިއްޕޮޅުގައި ފެށުމަށް ބޭއްވި ރަަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ސައީދާއި އެސްޓީއޯގެ އެމްޑީ ޝިމާދު -- ސަން ފޮޓޯ/ މޫސާ ނަދީމް

ނަމަވެސް ބަންކަރިންގެ ޚިދުމަތަކީ ނުވާނެ ކަމެއް ނޫންކަން ސާބިތުކޮށްދޭކަން ހާމަކުރެއްވުމަށް ޓަކައި ސައީދު ވަނީ މީގެ 50 އަހަރު ކުރިން މަސް ދޯންޏެއްގައި ފުރަތަމަ ފަހަރަށް އަލަށް އިންޖީނު އަޅަން އުޅުމުން އޭރު އެ ކަމާ ދެކޮޅު މީހުން ދެއްކި ވާހަކަތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން އިންޖީނު އެޅުން އެއީ މަސް އައިންތައް "ފިލާނެ" ކަމެއް ކަމަށް ބުނަމުން އައިކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް މިއަދު 50 އަހަރު ފަހުން ކޮންމެ މަސްވެރި ދޯންޏަކުން ވެސް ބަލަނީ ބޮޑު އިންޖީނެއް އަޅުވަން ކަަމަށާއި މަަސް އައިންތައް ވެސް "ނުފިލާ"ކަަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަން ފަށަން އުޅުމުން ވެސް ރާއްޖެއަށް އެކަން ކުރެވިދާނެތޯ ސުވާލު އުފެއްދިކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ނަމަވެސް 50 އަހަރު ފަހުން ރާއްޖެއަކީ ޓޫރިޒަމްގައި ވެސް އެންމެ މަތީ ފެންވަރުގެ އެއް ގައުމު ކަމަށް ވިދާޅުވިއެވެ.

".. އެއީ ދިވެހީން އައި ހިސާބު. މިއަދު ދިވެހީންގެ ރައީސް، ރައީސް ޑރ. މުއިއްޒު އެ ފައްޓަވަނީ އެ ކަހަަލަ މަސައްކަތެއް. ޑައުޓް ނުވަތަ ޝައްކު ކުރަންވީ. އަޅުގަނޑު ނެތިން 100 މިިލިއަން ޑޮލަރު ނުވަަތަ 200 މިލިއަން ޑޮލަރު ކިޔާކަށް. އަޅުގަނޑުމެންނަށް އެންމެ ރަނގަޅެއް ނޫންތޯ ޚަރަދު ކަނޑައިފައި އެންމެ 1000 ޑޮލަރު ލިބުނަސް ފައިދާއަށް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ތެލުގެ ވިޔަފާރިއަކީ ވޮލިއުމުގެ މައްޗަށް ބިނާވާ ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން ކެޕިޓަލް އިންވެސްޓުމަންޓަކީ ވިސްނުން ކޮންމެހެން މުހިންމު ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އެގޮތުން ބަންކަރިން ޚިދުމަތަށް 15 އާއި 20 މިލިއަނާ ދެމެދުގެ މިންވަރަކަށް އެމެރިކާ ޑޮލަރު އެސްޓީއޯއިން އިންވެސްޓުކުރާއިރު، ރައީސްގެ ވިސްނުންފުޅަކީ އާދައިގެ ގޮތަކަށް ޚިދުމަތް ފަށައި މަޑުމަޑުން ފުޅާކުރުން ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންނާއި، އިންވެސްޓަރުންގެ ހިތުގައި ޝައްކު އުފެދޭ ގޮތަށް ކުރީގެ ވެރިން ވާހަކަދެއްކެވުމަކީ ގައުމިއްޔަތާ ދެކޮޅު ވާހަކަތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.

"އެ ފަރާތްތަކަށް، ވިސްނުންފުޅު އެބަޖެހޭ ދެވަނަ ވިސްނުމަކަށް ދާން ތިމަންމެންނަށް މި އިސްކުރެވެނީ ގައުމިއްޔަތު ތޯ. ގައުމުތޯ. އަމިއްލަފުޅަށް އެބަޖެހޭ ވިސްނައިލަން،" ސައީދު ވިދާޅުވިއެވެ.

އެއާއެކު ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކު މަސައްކަތް ފެއްޓެވީމާ އެ ކަމަށް ދޭންވީ ހިތްވަރު ކަމަށެވެ.

https://sun.mv/196944

އިގްތިޞާދު ބޮޑު އަޑިގަނޑެއްގައި އޮތްއިރު އެ ކަމުން އަރައިގަތުމަށް ޓަކައި އިގްތިޞާދީ އާ މަސައްކަތް ފަށައި ކުރިއަށް ދިއުން މުހިންމު ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އަދި ބަންކަރިންގެ ޚިދުމަތާއެކު އިހަވަންދިއްޕޮޅު މި ހުޅުވައިލެވުނީ ބައިނަލްއަގްވާމީ ބޮޑު ވިޔަފާރިއަކަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް