އިގްތިޞާދަށް އިންގިލާބީ ބަދަލެއް ގެންނާނެ ބަންކަރިންގެ ޚިދުމަތް, އިހަވަންދިއްޕޮޅުގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.
ހއ. ހޯރަފުށީގައި އެ ކަމަށް ޓަކައި ރަސްމީކޮށް ބޭއްވި ހަފްލާގައި ބަންކަރިންގެ ޚިދުމަތް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީގެ ފަސް ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ.
އެއީ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއާއި، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރުގެ އިތުރުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
ބަންކަރިންގެ ޚިދުމަތް ފަށާފައިވަނީ އެ ކަމަށް ބޭނުންކުރާ ބޯޓުތަކަށް ދިން ޚާއްސަ ވޯޓާ ސެލިއުޓަކުންނެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހީމް ވިދާޅުވި ގޮތުގައި މުސްތަގުބަލުގައި ޒަމާނީ ފެންވަރުގެ ޚިދުމަތްތައް ގާއިމްކޮށް ޚިދުމަތް ދިނުމަކީ އެންމެ އިސްކަމެއް ދެއްވާނެ އެއް ކަންތަކެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ އިގްތިޞާދު އިތުރަށް ފުޅާކޮށް، ބޭރުގެ ފައިސާ ރާއްޖެއަށް ވައްދާނެ ގޮތްތައް ހޯއްދަވާނެ ކަމަށް ޝިމާދު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ޚިދުމަތާއެކު ރާއްޖޭގެ އިގްތިސޯދީ ހާލަތަށް ވެސް މަންފާކުރާނެ ކަމަށް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވަނީ ބަންކަރިންގެ ޚިދުމަތް ފުޅާކުރުމަށް ޓަކައި ފޭސް ދޭއްގައި ކުރައްވާނެ މަސައްކަތްތައް އިއުލާނުކުރައްވާފައެވެ.
އެގޮތުން ހޯރަފުށީގެ ފަޅު ހިއްކައިގެން، އެތަނުގައި ބަންކަރިންގެ ޚިދުމަތަށް އޮއިލް ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި އެ ކުންފުނިން ކޮންޓެއިނާ ޓާމިނަލެއް ވެސް ގާއިމްކުރައްވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ހަމައެއާއެކު އިހަވަންދިއްޕޮޅުގައި އެކިއެކި އުފެއްދުންތައް އުފައްދައި، ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާނެ ފްރީޒޯނެއް ވެސް ގާއިމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އެއާއެކު ރާއްޖޭގެ އިގްތިސޯދަށް ގިނަގުނަ މަންފާކުރާނެ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ ލ. އަތޮޅުގައި ވެސް މެރިޓައިމްގެ ޚިދުމަތް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އައްޑޫގައި އޮތް ޕޯޓަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.
ދެން ފެނިގެންދާނީ މައްޗަށް އަރަމުންދާތަން، ދެކުނަށް ބޮޑު ބަދަލެއް ގެންނަން ބޭނުންވޭ. ފައިދާ ނުވާގޮތަކަށް މިކަމެއް ނުކުރާނަން. ބަންކަރިންގެ ޚިދުމަތާއެކު އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އިހަވަންދިއްޕޮޅަށް މިކަމުން ފައިދާ ކުރާނެކަން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް
އެސްޓީއޯއިން ބޯޓުތަކަށް ތެލުގެ ޚިދުމަތްދޭއިރު، އެމްޕީއެލުން ޚިދުމަތްދޭނީ ސީދާ ބޯޓުތަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައެވެ. ވަޖީހު ވިދާޅުވި ގޮތުގައި ބަންކަރިންގެ ޚިދުމަތް ފެށުމާއެކު އެމްޕީއެލުން ބޯޓުތަައް 14 ޚިދުމަތެއް ދޭނެއެވެ. އޭގެ ތޭރޭގައި ހިމެނެނީ:
- ޕައިލޮޓޭޖްގެ ޚިދުމަތް
- ކްރޫ ޗޭންޖު
- ޝިޕް ޓު ޝިޕް ސާވިސް
- ސާފު ބޯފެނުގެ ޚިދުމަތް
- ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް
- އަޑީތެޔޮ ފޯރުކޮށްދިނުން
- ޔޮޓުފަހަރުތަކަށް ޑޮކުގެ ޚިދުމަތް
- މެއިންޓަނެންސްގެ ޚިދުމަތް
- އަންޑަވޯޓާ ސާވިސް
- ޓަގުގެ ޚިދުމަތް
- އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ އެހީތެރިކަން ފޯރުކޮށްދިނުން
- ބޯޓުގައި އުފެދޭ ކުނިތައް ނައްތާލުމުގެ ޚިދުމަތް
ބަންކަރިންގެ ޚިދުމަތްތަކަށް ކަސްޓަމަރުން ހޯދުމަށް 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފައިވެއެވެ.
އޮފްޝޯ ހިދުމަތެއްގެ ގޮތުގައި އިންޓަނޭޝަނަލް ބަންކަރިން މިއަދު ފެށިއިރު އެ ހިދުމަތް ފޯރުކޮށްދިނުމަށް ފުރަތަމަ ބޭނުންކުރާނީ ދެ ބޯޓެކެވެ.
އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާއެވެ. މި ދެ ބޯޓަކީ މިފަދަ ޚިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށް ބަނދެފައިވާ، ސަލާމަތީ ގޮތުންނާއި ރައްކާތެރިކަމުގެ ގޮތުން ބައިނަލްއަޤްވާމީ މިންގަޑުތަކަށް ފުރިހަމައަށް ފެތޭކަމުގެ ސެޓްފިކެޓްތައް އެލް އާރް ކްލާހުންނާއި ފްލެގް ސްޓޭޓުން ދޫކޮށްފައިވާ ބޯޓުފަހަރެވެ.
މި ދެ ބޯޓަކީ އެސްޓީއޯ އާއި ވިޓޯލްއާ ގުޅިގެން ބަންކަރިން ޚިދުމަތަށް އެސްޓީއޯގެ ފުރިހަމަ ރައިޓްސްއާއެކު ބެއާ ބޯޓް ޗާޓާ ކޮންސެޕްޓަށް ދެ އަހަރުތެރޭ އެއްކޮށް މިލްކުވާގޮތަށް ހޯދާފައިވާ ދެ ބޯޓެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހެވެ.