ރަހީނުކުރުމުގެ މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަނީ ސަސްޕެންޑުކޮށްފައި

ރަހީނުކުރުމުގެ މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން: މިމީހުން މިހާރު ވަނީ ސަސްޕެންޑުކޮށްފައި

މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުން ފެށިގެން ޖޫން 25އާ ހަމައަށް މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އޭނާއާމެދު މާރާމާރީ ހިންގި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަނީ ސަސްޕެންޑުކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެ މައްސަލައިގައި ސިފައިންގެ ދެމީހުން ޝާމިލްވާކަން ހާމަކުރީ ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގެ މައުލޫމާތު ލިބުމާއެކު އެދެ މީހުން ވަޒީފާއިން ސަސްޕެންޑުކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ. އެއީ:

  • އަލީ ސާމީ، 24އ، ރ.ކަނދޮޅުދޫ/ މެހުރާ
  • އަހްމަދު ސާއިފް ވަހީދު، 18އ، ގދ. ގައްދޫ/ ހުދުވެލި
  • މުޙައްމަދު ނައުޝާދު ހުސައިން، 21އ، ތ. ތިމަރަފުށި/ އުތުރުގެއާގެ
  • މުޙައްމަދު ނަފާހު، 23އ، ކ. މާފުށި/ ފުލްމޫން
  • އަޙްމަދު ޒިޔާން، 24އ، ލ. ގަން/ ތުނޑި ލިންކް

ނަފާހު ފިޔަވައި ބާކީ ހަތަރު މީހުން ޝަރީއަތް ނިމެެންދެން ބަންދުގައި ތިބިއިރު، ނަފާހު ބަންދުކުރަން އަމުރުކޮށްފައިވަނީ ތަހުގީގު ނިމެންދެންނެވެ. އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަނީ ނަފާހު އާއި ޒަޔާނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައިގައި އަނިޔާ ލިބުނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާގެ ވާތު ކުޑަވައި އިނގިލި ދެވަނަ ބަދައިން ބުރިކޮށްފައިވާއިރު، އަނިޔާގެ ސަބަބުން ވާތުލޮލަށް ލޭ އަރައި ނޫފައިގަނެފައި ހުރިކަމަށް ވިދާޅުވިއެވެ.

https://sun.mv/196895

އަދި ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައިފައިވާކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބެލެވޭކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ތިން ކުއްޖެއް ވެސް މި ކަމުގައި ބައިވެރިވެފައިވާތީ އެ ކަން ވެސް ބަލަމުން އަންނަކމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މީހަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައިފައިވަނީ މަލޭގައި ކުއްޔަށް ހިފައިފައިވާ ދެ އެޕާޓްމަންޓެއްގައެވެ. އެ ދެ އެޕާޓްމަންޓު ބަލައި ފާސްކުރުމުން ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް