ރަހީނުކޮށް މާރާމާރީ ހިންގުން: ޖެހުނީ މަސްތުވާތަކެތީގެ މައްސަލައެއް، ސިފައިން ވެސް ހިމެނޭ!

މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުން ފެށިގެން ޖޫން 25އާ ހަމައަށް މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އޭނާއާމެދު މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި ބަންދުގައި ތިބި މީހުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ މެއި މަހުގެ 25ވަނަ ދުވަހުން ފެށިގެން ޖޫން 25އާ ހަމައަށް މާލޭ ގެއެއްގައި މީހަކު ރަހީނުކޮށް އޭނާއާމެދު މާރާމާރީ ހިންގީ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތެރެއިންކަމަށް ބެލެވޭ ކަމަށާއި އެ ކަމުގައި ސިފައިންގެ ދެ މީހަކު ވެސް ބައިވެރިވެފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން މި ތަފްސީލް ހާމަކުރީ، މިދިޔަ މެއި މަހުގެ 25ވަނަ ދުވަހު ޖޫން 25ވަނަ ދުވަހާ ހަމައަށް މާލޭގެ ގެއެއްގެ ތެރޭ ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހައްޓައި ބިރުދައްކައި، މަޖުބޫރުން އޭނާ ލައްވައި މަސްތުވާތަކެތީގެ ވިޔަފާރިކުރުވައި، އޭނާއާމެދު މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މައުލޫމާތު ހާމަކުރައްވަމުންނެވެ.

https://sun.mv/194106

އެގޮތުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މި މައްސަލައިގައި އަނިޔާ ލިބުނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އޭނާގެ ވާތު ކުޑަވައި އިނގިލި ދެވަނަ ބަދައިން ބުރިކޮށްފައިވާއިރު، އަނިޔާގެ ސަބަބުން ވާތުލޮލަށް ލޭ އަރައި ނޫފައިގަނެފައި ހުރިކަމަށް ވިދާޅުވިއެވެ.

އަދި ހަށިގަނޑުގެ އެކި ތަންތަނުގައި އަލިފާން ޖައްސައި، ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅައިފައިވާކަމަށް ވިދާޅުވިއެވެ.

މި ހާދިސާ ހިނގީ މަސްތުވާތަކެތީގެ މުއާމަލާތެއްގެ ތެރެއިން ކަމަށް ބެލެވޭކަމަށް ފުލުހުންވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަމަށެވެ. އެއީ:

  • އަލީ ސާމީ، 24އ، ރ.ކަނދޮޅުދޫ/ މެހުރާ
  • އަހްމަދު ސާއިފް ވަހީދު، 18އ، ގދ. ގައްދޫ/ ހުދުވެލި
  • މުޙައްމަދު ނައުޝާދު ހުސައިން، 21އ، ތ. ތިމަރަފުށި/ އުތުރުގެއާގެ
  • މުޙައްމަދު ނަފާހު، 23އ، ކ. މާފުށި/ ފުލްމޫން
  • އަޙްމަދު ޒިޔާން، 24އ، ލ. ގަން/ ތުނޑި ލިންކް

ނަފާހު ފިޔަވައި ބާކީ ހަތަރު މީހުން ޝަރީއަތް ނިމެެންދެން ބަންދުގައި ތިބިއިރު، ނަފާހު ބަންދުކުރަން އަމުރުކޮށްފައިވަނީ ތަހުގީގު ނިމެންދެންނެވެ.

އުމުރުން 18 އަހަރު ނުފުރޭ ކުޑަ ތިން ކުއްޖެއް ވެސް މި ކަމުގައި ބައިވެރިވެފައިވާތީ އެ ކަން ވެސް ބަލަމުން އަންނަކމަށް ފުލުހުން ބުންޏެވެ.

ހަމައެއާއެކު ނަފާހު އާއި ޒަޔާން އަކީ އެމްއެންޑީއެފްގައި ވަޒީފާ އަދައިކުރަމުން އަންނަ ދެ މީހުން ކަމަށާއި އެމްއެންޑީއެފުން އެކަމާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުންޏެވެ. ހަމައެއާއެކު އެ ދެ މީހުންގެ ކުށުގެ ރެކޯޑު މީގެ ކުރިން ނެތްނަމަވެސް އެއީ ކުށުގެ ވެށީގެ މީހުންނާ ގުޅުން އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު ސާމީއާއި ސާއިފާއި ނައުޝާދަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮތް މީހުންކަމަށް ޝިފާއު ވިދާޅުވިއެވެ.

މި މައްސަލައިގައި މީހަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައިފައިވަނީ މަލޭގައި ކުއްޔަށް ހިފައިފައިވާ ދެ އެޕާޓްމަންޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ދެ އެޕާޓްމަންޓު ބަލައި ފާސްކުރުމުން ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރަން ބޭނުންކުރާ ބައެއް ތަކެތި ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާކަމަށް ބެލެވޭ ހުސްކޮތަޅާއި ކިރުމަށް ޓަކައި ބޭނުންކުރާ ކައްޓަ ފަދަ ތަކެތި އެންމެ ފަހުން އަނިޔާ ލިބުނު ފަރާތް ގެންގުުޅުނު އެޕާޓްމަންޓް ބަލައި ފާސްކުރުމުގައި އެ ތަނުގެ ތެރެއިން ފެނިފައިވާކަން ފާހަގަކޮށްލަން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އެ އެޕާޓްމަންޓު ތެރެއިން ފެނުނު ވޮލެޓަކުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ފެނުނުކަމަށާއި ބަނގުރާ ހުސްކުރި ތިން ފުޅި ފެނުނުކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ވެސް ޒަޔާންގެ ހަށިގަނޑުން މަސްތުވާތަކެތިކަމަށް ބެލެވޭ ދިޔާއެއްޗެއް ހުރި ސެލޯފިންކޮޅެއް އޮތްކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ އަދިވެސް އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް