ދިމާވެގެން އުޅެނީ ކޭޝްފްލޯގެ ވަގުތީ މައްސަލައެއް، އަރައިގަނެވޭނެ: ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު: އޭނާ ވިދާޅުވީ މިއީ ވަގުތީ ދަތިކަމެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއަށް ދިމާވެގެން އުޅެނީ "ވަރަށް ވަގުތީ" ކޭޝްފްލޯގެ މައްސަލައެއް ކަމަށާއި މި ކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ބޭރު ދަރަނީގެ މައްސަލަ ބޮޑުވެ، ޑޮލަރުގެ ދަތިކަމާ ހުރެ ބޭރުގެ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަމުންނެވެ.

ދަރަނި ނުދެއްކި، 2026 ވަނަ އަހަރު ދައްކަންޖެހޭ ސުކޫކަށް ފައިސާ ނުދެއްކިދާނެކަމުގެ ބިރު ބޮޑުވެފައި އޮއްވައި، ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ނެރޭ މަޖައްލާ، ހޮޓަލިއާ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކްރޮސްރޯޑްސްގައި މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމް، 'ޖީއެމް ފޯރަމް 2024'ގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ ދިވެހިރާއްޖެ ބަނގުރޫޓުނުވާނެ ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއިން އަދިވެސް އަރައިގަންނަން މަސައްކަތްކުރަމުން އަންނަނީ ކޮވިޑުގެ ބަލިމަޑުކަމާ އެކު ކުރިމަތިވީ ދަތިތަކުންނެވެ.

"މިއީ ވަރަށް ވަގުތީ، ކޭޝްފްލޯގެ މައްސަލައެއް. އެންމެން ވެސް މަސައްކަތްކުރަންވީ މި ކަމުން އަރައިގަންނަން،" ޒަމީރު ވިދާޅުވިއެވެ.

އޭނާ ވަނީ ޚާއްސަކޮށް ރިސޯޓުތަކަށް ވަންނަ ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން މާރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އެ ކަމުގެ ސަބަބުން ދިމާވެގެން އުޅޭ ޑޮލަރުގެ ދަތިކަމުން އަރައިގަންނަން ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ވަޒީރު ގަބޫލުކުރައްވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރުވައި، ބައެއް ޓެކްސްތައް ވެސް ޑޮލަރުން ދައްކަންޖެހޭ ގޮތަށްވަނީ ބަދަލު ގެނެސްފައެވެ.

https://sun.mv/196611

މީގެ އިތުރުން، ޒަމީރު ވަނީ ރާއްޖެ ބަނގުރޫޓުވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެންމެ ހަގީގީ ވާހަކަތަކެއް ނޫން ކަމަށް ސިފަކުރައްވައިފައެވެ. އެގޮތުން، މި ފަހުން ވަޒީރު ޒިޔާރަތްކުރެއްވި އެހެން ގައުމެއްގައި ރާއްޖެއަށް ވުރެ ދަރަނީގެ ނިސްބަތް ވެސް އިތުރުކަން އޭނާ ފާހަގަކުރެއްވިއެވެ.

ގައުމެއްގެ ނަން ވިދާޅުނުވެ، ޒަމީރު ވިދާޅުވީ އެ ގައުމުތައް ބަނގުރޫޓުވަނީ ކަމަށް ނުކިޔަނީ އެ ގައުމަށް ދަރަނި އަދާކުރެވޭނެތޯ މީހުން ދެކޭގޮތް ތަފާތުވުމުން ކަމަށެވެ.

ރާއްޖޭގައި އިންވެސްޓްމަންޓް ފުރުސަތުތަކާއި ގްރޯތު ޕޮޓެންޝަލް ވެސް ހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އިގުތިސާދު ވެސް ރަނގަޅަށް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ، މި ކަމުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ދިމާވެފައި އޮތް ވަގުތީ ދަތިތަކުން އަރައިގަނެވޭނެ. ކުޑަކޮށް ކެތްތެރިވެ، ވެވެން އޮތް އެހީތެރިކަމެއް ވެދީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/196470

އެ ފޯރަމްގައި އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވެސް ވަނީ ރާއްޖެއިން އެންމެ ބޮޑަށް ދަރާފައިވާ ދެ ގައުމުން، ދަރަނި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އޭނާ ވެސް ވަނީ ދަރަނި އަދާކުރެވޭނެ ކަމަށާއި ބަނގުރޫޓުނުވާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދަރަނި ދެއްކުމުގައި ހުރި ދަތިތައް ފާހަގަކޮށް މި މަހު 11 ގައި ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީސްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން މިދިޔަ މަހު 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ރޭޓިންއަށް ބަދަލު ގެނައި ނަމަވެސް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ދަރަނި އަދާކުރެވޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. ރިޒާވްގެ ހާލަތު ވެސް ރަނގަޅުވަމުން އަންނަ ކަމަށް އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް