ދުނިޔޭގެ ކްރެޑިޓް ރޭޓިން ފާމް މޫޑިސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންއަށް ބަދަލު ގެނެސްފިއެވެ.
މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު ނިމިދިޔަ ސަރުކާރުން ޗާޕުކޮށްފައިވާ އަށް ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ފައިސާއާއެކު، ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެ، އެކްސްޗޭންޖް ރޭޓް ދަމަހައްޓަން ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
މޫޑީސްއެކޭ އެއްގޮތަށް މިދިޔަ މަހު ފިޗްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. އެއީ ސީސީސީ އިން ސީސީއަށެވެ. ރޭޓިން ދަށްކުރުމާ ގުޅޭ ގޮތުން ދެ ފާމްއިން ވެސް ފާހަގަކޮށްފައި ވަނީ އެއް މައްސަލަތަކެކެވެ.
ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް ޓަކައި މި ސަރުކާރުން އަންނަނީ މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އެއްކޮށްލައި، ދައުލަތަށް ގެއްލުންވަމުންދާ ކުންފުނިތައް އުވާލުމުގެ މަސައްކަތްވަނީ ފަށައިފައެވެ.
ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވަނީ ސަރުކާރުން ކުރިން ލަފާކުރި ވަރަށް ވުރެ މިހާރު ރިޒާވް އިތުރު ވަމުން އަންނަ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން އިތުރު ހެޔޮ ބަދަލުތައް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މިދިޔަ މަސް ނިމުނުއިރު އިތުރުވެފައެވެ. އެގޮތުން ޖުމްލަ ރިޒާވް ވަނީ މިދިޔަ މަސް ނިމުނުއިރު 444 މިލިއަން ޑޮލަރަށް އަރާފައެވެ. ޖުލައި މަހު މި ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައެވެ. އަދި ބޭނުންކުރެވޭ ރިޒާވް މިދިޔަ މަސް ނިމުނުއިރު ވަނީ 61.22 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އެމްއެމްއޭއިން އާންމުކުރި ތާފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނޮވެންބަރު މަސް ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން އެކައުންޓްގައި ހުރީ ފަސް މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 65 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އޭގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭއިން ބުނަނީ ސޮވަރިން ޑިވެލޮޕްމަންޓަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިޔުމެވެ.
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މާލީ ވުޒާރާއާއި އެމްއެމްއޭއާ ގުޅިގެން އިންޑިއާއާއެކު ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންވެ.
މީގެ އިތުރުންވެސް ސަރުކާރުގެ ޚަރަދުކުޑަކުރުމަށްޓަކައި ފިސްކަލް ޕޮލިސީއެއް އެކުލަވައިލާ ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.