ދާހައި ތަނަކަށް އެ ހިފައިގެންދާ ވަރަށް އެއާ ގުޅިލާމެހިފައިވިޔަސް އެ އަޅާފައި ހުންނަ ފޮށި މިސްކިތަށް ވައްދާކަށް އޭނާ ބޭނުމެއް ނުވެއެވެ. ސަބަބެއްކަމަށް ބުނަނީ އެއީ ރަނގަޅުކަމެއްކަމަށް އޭނާއަށް ގަބޫލު ނުކުރެވުމެވެ. އޭނާގެ ކަންބޮޑުވުން އޮތީ އެ ފޮށި މިސްކިތަށް ވެއްދުމާމެދުގައި އެކަންޏެވެ. ނަމަވެސް އޭނާއަށާއި އެހެންމީހުންނަށް އެއިން ލިބޭ ގިނަގުނަ ގެއްލުންތަކާމެދު ވިސްނާކަށް އޭނާ ބޭނުމެއްނުވެއެވެ. މިސްކިތަށް އެ ނުވެއްދިޔަސް، ނަމާދަށް އެރުމުގެ އިރުކޮޅެއްކުރިންވެސް އޭގެ ބޭނުންކުރުން އެއީ އޭނާގެ އާދައެކެވެ. އޭގެ ސަބަބުން ޖަމާޢަތަށްދާ އެހެން މީހުންނަށް އުނދަގޫވާނެކަން އޭނާއަށް އެނގޭއިރުވެސްމެއެވެ.
ތިމާގެ ފުށުން އެހެން މީހުންނަށް އުނދަގޫވާ ޒާތުގެ ނުބައި ވަހާއެކު މިސްކިތުގެ ޖަމާޢަތަށް އެރުމަކީ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެކެވެ (މުސްލިމު: 874). އަނގައިން ނުވަތަ ފޭރާމުން ނުވަތަ ހަށިގަނޑުގެ އެހެން ތަނަކުން ދުވާ ވަހަކަށްވިޔަސް ކަންއޮތީ މިހެންނެވެ. ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ ޒީނަތްތެރިކަންމަތީ ހުރުމަށް އަންގަވާފައިވަނީ ވަރަށް ބޮޑު ޙިކުމަތަކަށްޓަކައިކަން ޔަގީނެވެ. (އަޢުރާފު: 31). ނަމާދަކީ އިސްލާމްދީނުގައި އެންމެ މަތީ ދަރަޖައެއް ލިބިގެންވާ އަޅުކަމެވެ. އެ ވާޖިބު އަދާކުރުމަށްޓަކައި މީސްތަކުން ޖަމާވާ ތަނަކީ މިސްކިތެވެ. އަދި އެ މަތިވެރި ފަރީޟާއަށްޓަކައި ހުއްޓި ތިބެނީ ﷲ ގެ ޙަޟުރަތުގައެވެ. ވީމާ، ހަށިގަނޑާއި ފޭރާމާއި ނަމާދުކުރާ ތަން ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށް މިއަށްވުރެ މުހިއްމު އެހެން ތަނެއް އަދި ވަގުތެއް ނޯންނާނެއެވެ.
ލޮނުމެދާއި ފިޔާ އަދި ލީކް ފަދަ (ވަސްގަދަ) ތަކެތި ކައިގެން (އެ ވަސް ނުފިލުވައި) މިސްކިތަށް ދިއުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މަނާކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން، އާދަމުގެދަރީންނަށް އުނދަގޫވާ ކަންކަމުން މަލާއިކަތުންނަށް ވެސް އުނދަގޫފުޅުވެތެވެ."(ބުޚާރީ: 854) މި ބަސްފުޅުގައި، ލޮނުމެދާއި ފިޔާ އަދި ލީކް ހިމަނުއްވާފައިވުމުން، އޭގެ ސަބަބުން މީހުންނަށް އުނދަގޫކަން އިހުސާސްކުރަންޖެހޭފަދަ ގަދަ ވަސް ހުންނަ ކޮންމެ އެއްޗަކަށް ވެސް މި ހުކުމް އަންނާނެކަން އެނގެއެވެ. މިގޮތަށް ޤިޔާސްކުރުމުން، ސިނގިރޭޓު ނުވަތަ ބިޑި ބޮއެގެން އޭގެ ވަހާއެކު މިސްކިތަށް އެރުން މަނާވާނެކަމާމެދު ދެބަސްވާނެ ޖާގައެއްނެތެވެ.
ކަންމިހެން އޮތްނަމަވެސް ސިނގިރޭޓު ބޮއެގެން އޭގެ ނުބައި ވަހާއެކު މިސްކިތުގެ ޖަމާޢަތަށް އަރާމީހުން އުޅެއެވެ. ސިނގިރޭޓު ބޮއެގެން ހުންނަ މީހާއަށް އޭގެ ނުބައި ވަސް ނުދުވިޔަސް އެ ވަހުގެ އުނދަގުލާ ކުރިމަތިލާންޖެހޭނީ އޭނާގެ ގާތުގައި ތިބޭ އެހެން މީހުންނަށެވެ. މިފަދަ ބައެއް ހާލަތުގައި ދުވާ ނުބައި ވަހަށް ކެތްނުވެގެން ހުންނަ ތަން ބަދަލުކޮށްލަން ބޭނުންވާ ފަހަރު ވެސް އާދެއެވެ. ބައެއް މީހުން މިގޮތަށް ޢަމަލުކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، މިގޮތަށް ދިމާވާ ކޮންމެ ފަހަރަކު އެ މީހަކު ހުރި ތަން ދޫކޮށް އެހެން ތަނަކަށް ދިއުމަކީ ވެސް އެހައި އެކަށީގެންވާ ކަމެއްނޫނެވެ. އެއީ، ކުރަން ފަސޭހަކަމެއް ވެސް ނޫނެވެ. ކަން މިހެން އޮތުމުން، ނުބައިވަސް ދުވާ މީހާގެ ގާތުގައި ހުންނަން މަޖުބޫރުވާ ފަރާތަށް ކުރިމަތިވާނެ އެންމެ ދެރަ ކަމަކީ ޚުޝޫޢަތްތެރިކަމާ އެކު ނަމާދުގައި ދެމި ހުރުމަށް ހުރަސް އެޅުމެވެ. ޚުޝޫޢަތްތެރިކަމަކީ ނަމާދުގައި ކޮންމެހެން ފުރިހަވާންޖެހޭ އަސާސީ ޝަރުތެކެވެ. (މުއުމިނޫން: 1-2).
ސިނގިރޭޓާއި ބިޑިފަދަ އެއްޗެތީގެ ވަހަކީ އެ ނުބޯ މީހުންނަށް އުނދަގުލާއި ނުރުހުންތެރިކަން މެދުވެރިކުރުވާ ނުބައި ވަހެއްނަމަވެސް، އޭގެ އިސްތިޢުމާލު ކުރާ ފަރާތްތަކުން އެކަން ގަބޫލުކުރާކަމަށް ނުފެނެއެވެ. ނަމާދަށްދާ މަގުމަތީގައި ވެސް ސިނގިރޭޓު ބޮމުން ގޮސް މިސްކިތާ ކައިރިވުމުން އެންމެ ފަހު ދުންގަނޑު ބުރުވައިލައި، ކެއްސައި ކަރުކެހެމުން މިސްކިތަށް އަރާ މަންޒަރު ފެންނަނީ އެހެންވެގެންނޫންހެއްޔެވެ؟
މީހަކަށް މީހަކަށް ބެލުމެއްނެތި، ޖެހުނު ތަނެއްގައި ޖެހުނު ގޮތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އެ ޢަމަލުކުރަނީ އެއީ އަމިއްލަ މިނިވަންކަމާއި ހައްގުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ދެކިގެންނެވެ. ނަމަވެސް، އެފަދަ މީހުން ނުދަންނަ ކަމަކީ، އަމިއްލަ މިނިވަންކަމާއި ހައްގުތައް ކަށަވަރު ކުރުމަށްޓަކައި ވެސް އަނެކާގެ ހައްގުތަކަށް އަރައިނުގަނެވޭނެކަމެވެ. ކޮންމެ ގޮތަކަށްކަމަށްވިޔަސް، އެއްވެސް މީހަކު އަނެއް މީހާއަށް ގެއްލުންދީ އަނިޔާވެރިވުން އިސްލާމްދީނުގައި ހުއްދަނޫންކަމެވެ (ބުޚާރީ: 6064 ، ޙާކިމު: 2345). މުސްލިމަކީ ތިމާގެ އަތާއި ދުލުގެ އުނދަގުލުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހާކަމެވެ (متفق عليه).
ފެންނަ މަންޒަރުތަކާއި ކުރެވޭ ތަޖުރިބާއަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ ވަރަށް ގިނަ މީހުންނަކީ އަނެކާގެ އިހުސާސްތަކާމެދު ވިސްނުމެއް ނުބަހައްޓައި، އަމިއްލަ މަސްލަހަތު އިސްކުރުމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. މީހަކު ނުވަތަ މީހުންތަކެއް ތިބޭ ތަނެއްގެ ވައިމަތީގައި ހުރެގެން ސިނގިރޭޓު ބޮއެ މީހުންގެ މޫނަށް ދުންގަނޑު ބުރުވަމުންގެންދާ މީހުން ހާދަހައިވާ ގިނައެވެ. އެފަދަ މީހުންނާމެދު، އެކަމުން ތުރާ ލިބޭ މީހުންގެ ހިތުގައި އޮންނާނީ - އެއީ ބޮޑައި ކިބުރުވެރި އަޚުލާގެއް ނެތް މީހެއްކަމުގެ ޝަކުވާކަން އެ މީހުންނަށް އެނގޭބާއެވެ؟ އެތައް ބައެއްގެ ބަދު ދުޢާއާއި ނުރުހުންތެރިކަން އެމީހުންނަށް ލިބޭކަން ދެނެހުރިބާއެވެ؟
އަނެކާގެ ހައްގުތަކަށް އެއްވެސް އިހުތިރާމެއް ކުރުމެއްނެތި، އެ މީހަކު ހިތާވާގޮތަކަށް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ އުނދަގުލާއި، އެ މީހުންގެ ސަބަބުން ލިބޭ ސިއްހީ ގެއްލުންތަކުން ސަލާމަތްވާނެ ހަމަ އެއްގޮތެއް ވެސް ނެތީހެއްޔެވެ؟ އެންމެ އަމާން އެންމެ ސަލާމަތްތެރި ތަން ކަމުގައިވާ މިސްކިތަށް އެރުމުން ވެސް، ދުންފަތުގެ އިސްތިޢުމާލުކުރުމުގައި "ގޮތެއްފޮތެއްނެތް" މީހުންގެ ކިބައިން ސަލާމަތެއް ނުވެވެއެވެ.
އިތުބާރުހުރި ބޮޑެތި ޢިލްމުވެރިން ވިދާޅުވާގޮތުގައި ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ޝަރުޢީ ހުކުމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2001 ވަނަ ނެރެފައިވާ ފޮތުގައި، މި ޒަމާނުގެ ދަންނަބޭކަލުންގެ ތެރެއިން 14 ބޭފުޅަކު މިފަދައިން ވިދާޅުވެފައިވެއެވެ. އަދި، ސަޢުދީ ޢަރަބިޔާގެ ދާއިމީ ފަތުވާ ކޮމިޓީން ވެސް ފަތުވާ ދެއްވާފައިވަނީ އެއީ ހަރާމްކަމެއް ކަމަށެވެ.