އެޑިޓާސް ޓޯކް: ބަންކަރިން މިއީ ހަމަ މިލިއަން ޑޮލަރުގެ ވިޔަފާރިއެއްތަ؟

މި ސަރުކާރުން ވެރިކަމަށް އައިއިރު ވެސް އިގުތިސާދު ސިންދާފާތުކުރުމުގެ ވައުދުތައްވިއެވެ. އެ ހުވަފެނުގައި ކުލަޖައްސަން ސަރުކާރުން މިއަދު ފަށާ ބަންކަރިންގެ ޚިދުމަތަކީ ދިވެހި އިގުތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދު ގަބޫލުކުރައްވައެވެ.

މިނިސްޓަރު ހިސާބު ޖައްސަވާ ގޮތުން ނަމަ، ބަންކަރިންއާ އެކު ފުރަތަމަ އަހަރު ވެސް ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެއެވެ.

އިހަވަންދިއްޕޮޅުގައި ފަށައި ބަންކަރިންގެ ޚިދުމަތާ އެކު ސަރުކާރުން އަންނަނީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. ރައްޔިތުން ވެސް ތިބީ ފަތުރުވެރިކަމަށް ވާންނުވާ ވަރަށް ބަރޯސާވެފައި އޮތް ދިވެހި އިގުތިސާދު ސިންދަފާތުކޮށްދޭން އެދިއެދިއެވެ. 'ސަން އެޑިޓާސް ޓޯކް، ޕޮޑްކާސްޓް'ގެ މި ހަފުތާގެ ޕޮޑްކާސްޓްގައި މައިގަނޑު ގޮތެއްގައި ބަލައިލީ މި މައުޞޫއަށެވެ.

ޕޮޑްކާސްޓް ފައްޓަވަމުން މެނޭޖިން އެޑިޓަރު އަހުމަދު ސާއިލް އަލީ ވަނީ ޒަމާނުއްސުރެ ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތުމުގެ ނުރައްކާ ފާހަގަކުރައްވައިފައެވެ. އިގުތިސާދު ސިންދަފާތުކުރުމާއި އިތުރު ކަންކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ޚިދުމަތުގެ ސަބަބުން އިގުތިސާދު ސިންދަފާތުވުމުގެ އިތުރުން އުތުރުގެ އިގުތިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ. މިއީ ކުރަން ލަސް ވެސް ވެފައި އޮތް ކަމެއް ގޮތުގައި ސާއިލް ސިފަކުރެއްވިއެވެ.

ބަންކަރިންއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސަންގެ ޕޮލިޓިކަލް އެޑިޓަރު އަޙުމަދު އިނާހު ވިދާޅުވީ، މީގެ 2،000 އަހަރު ކުރިއަށް ބެލިކަމުގައި ވީނަމަވެސް ރާއްޖެއަކީ ދަތުރުފަތުރުކޮށް އުޅުނު މީހުން ހަބެއްގެ ގޮތުގައި ބޭނުންކުރި މައި ބަނދަރެއް ކަމަށެވެ. ރާއްޖޭގެ އެތައް މިތަނުން ފެންނަ ސީނުތަށިތަކާއި އެ ނޫން ވެސް އެއްޗެހީގެ އަސްލަކީ އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، މި މަޝްރޫއު ފަށަން މިހާރު ލަސްވެއްޖެ ކަމަށް އިނާހު ގަބޫލުކުރައްވައެވެ. އޭނާ ވިދާޅުވީ، މިހާރު ރާއްޖެއިން ވަންނަން ޖެހެނީ ވަރަށް ވާދަވެރިކަން ބޮޑު މާކެޓަކަށް ކަމަށާއި ރާއްޖެއިން އެހެން ގައުމުތަކުން ނުދޭ، އާ ޚިދުމަތްތަކެއް ތައާރަފުނުކޮށް، ދުބާއީ، ސިންގަޕޫރު ފަދަ ގައުމުތަކާ ވާދަކޮށްލުމަކީ ދަތި އަދި ޚަރަދު ބޮޑު ކަމަކަށްވާނެ ކަމަށެވެ.

https://sun.mv/196690

އެ ކަންކަމުން އަރައިގަންނަން ރަނގަޅު ދިރާސާތަކެއް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ސަންގެ މަލްޓިމީޑިއާ އެޑިޓަރު މުޙައްމަދު ނާއިލް ޙަފީޒް ވަނީ ބަންކަރިންގެ ޚިދުމަތާ އެކުގައި ރާއްޖެއަށް އަންނަ އެހެނިހެން ނުރައްކާތަކުން ސަލާމަތްވާން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ.

އެގޮތުން، ބަންކަރިންއާ އެކު ކަނޑަށް ތެޔޮ އެޅުމާއި އަދި ސްމަގްލިން ފަދަ ކުށްތައް ވެސް ރާއްޖެއަށް އައުމުގެ ބިރުވެރިކަން އެބައޮތް ކަމަށާއި އެ ކަންކަމުން އަރައިގަންނަން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ބެހެއްޓުން މުހިންމު ކަމަށް ނާއިލް ގަބޫލުކުރައްވައެވެ.

އޭނާ ވެސް ވަނީ ބަންކަރިން ފައްޓާއިރުގައި ރާއްޖެއަށް ބައެއް ކަހަލަ ގޮންޖެހުންތައް ކުރިމަތިވާނެކަން ފާހަގަކުރައްވައި އެ ކަންކަމުން އަރައިގަންނަން ވިސްނުން ބައްޓަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ބަންކަރިންގެ ޚިދުމަތާ ގުޅޭ ހިސާބުތަކާއި އިގުތިސާދީ ހިސާބުތަކާ ގުޅޭ އިތުރު ވާހަކަތައް ވެސް ޕޮޑްކާސްޓްގައި ވަނީ ދައްކައިފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.

comment ކޮމެންޓް