އިހަވަންދިއްޕޮޅުގައި އޮފްޝޯ ބަންކަރިންގެ ޚިދުމަތް ފަށަން ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން އިގުތިސާދު ސިންދަފާތުކުރަން ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އިހަވަންދިއްޕޮޅު ބަންކަރިންގެ ޚިދުމަތް މި މަހު 20 ގައި ފަށަން ވަނީ ނިންމައިފައެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަންކަރިންއަށް ބޭނުންވާ ދެ ބޯޓާއި ޓަގު ބޯޓާއި އަދި ޕައިލެޓު ބޯޓު ވެސް އިހަވަންދިއްޕޮޅަށް ގެންގޮސްފައިވާ ކަމަށެވެ. އަދި، މި ފަދަ ޚިދުމަތެއް ދޭއިރު ހުންނަންޖެހޭ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ ގޭޓު (އައިއެސްޕީއެސް ގޭޓު) ގާއިމުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ، ބަންކަރިން މަޝްރޫއުގެ ސަބަބުން އިގުތިސާދީ އިންގިލާބީ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"މިއީ މި ގައުމުގައި ކުރަން ޖެހި، އެހެނަސް މިހާތަނަށް އެއްވެސް ވެރިކަމެއްގައި ނުކުރެވި އޮތްކަމެއް،" ރައީސް ޑރ. މުޙައްމަދު މުއިއްޒު މި މަޝްރޫއު ފައްޓަވައިދެއްވާތީ އެ ކަމަށް ޝުކުރު އަދާކުރައްވަމުން ވަޖީހުގެ ޕޯސްޓުގައި ލިޔުއްވާފައި އޮތެވެ.
އޭނާ ވިދާޅުވީ ބަންކަރިންގެ ޚިދުމަތާ އެކު އިތުރު 14 ޚިދުމަތެއް އެ ސަރަހައްދުން ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އެހެންވެ، އެހެން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތުތައް ފަހިވާނެ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި އިހަވަންދިއްޕޮޅުގައި އޮއިލް ޓާމިނަލާއި އޮއިލް ޓޭންކުތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ދޭން ދެ ބޯޓެއް ބޭނުންކުރާނެއެވެ. އެއީ، 'މެރިން އޭޖަލް' އަދި 'މެރިން ބެލާ' ކިޔާ ދެ ބޯޓެކެވެ. ދެ ބޯޓު ވެސް މިހާރު އޮތީ އިހަވަންދިއްޕޮޅުގައެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13، ގައެވެ.