ޕީޖީކަމަށް އައްބާސް ޝަރީފް އައްޔަންކުރައްވައިފި

އައްބާސް ޝަރީފް، ރައީސް މުއިއްޒާ އެކު: ޕްރޮސެކިއުޓާ ޖެނެރަލްކަމަށް ރައީސް ވަނީ އައްބާސް އައްޔަންކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ޕީޖީގެ މަގާމު ހުސްވުމާ ގުޅިގެން ހަ ބޭފުޅަކު ވަނީ އެ މަގާމަށް ކުރިމަތިލައްވައިފައެވެ. އެކަމަކު، ރައީސް މުއިއްޒު، މަޖިލީހަށް ފޮނުއްވީ އައްބާސްގެ ނަން އެކަންޏެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ވޯޓުގައި ބައިވެރިވި 85 މެންބަރުންގެ އިއްތިފާގުން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އައްބާސް، ޕީޖީގެ މަގާމަށް އައްޔަންކުރައްވައިފައެވެ. އޭނާއަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

ޕީޖީގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހު 22 ގައި އެ މަގާމުން ވަކިކުރުމުންނެވެ.

ޕީޖީގެ މަގާމުގެ ފަތްކޮޅު އައްބާސް ޝަރީފަށް އަރުވަނީ: އޭނާއަށް މަޖިލީހުން ރުހުން ދިނީ އިއްޔެ -- ފޮޓޯ/ ރައީސް އޮފީސް

މަޖިލީހުގައި ޝަމީމްގެ އިތުބާރު ނެތްކަމުގެ ވޯޓު ފެށިތަނާހެން ޝަމީމް އިސްތިއުފާދެއްވިއެވެ. އެކަމަކު، ރައީސް އޮފީހަށް އިސްތިއުފާގެ ސިޓީ ލިބިފައިނުވާ ކަމަށް ބުނެ، މަޖިލީހުގައި ވޯޓަށް އަހައި، 65 މެންބަރުންގެ ވޯޓުން ޝަމީމް މަގާމުން ވަކިކުރީއެވެ.

ގާނޫނުގައި އޮންނަ ގޮތުން ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ޕީޖީއަކު އައްޔަންކުރަންޖެހޭނެއެވެ.

މީގެ ކުރިން ޖުޑިޝަރީ ކޮމިޓީގައި ވާހަކަދައްކަވަމުން އައްބާސް ވަނީ ޕީޖީގެ މަގާމަށް ކުރިމަތިލީ ރައީސް މުއއިްޒާއި އެ ނޫން ވެސް ސަރުކާރުގެ އިސް ބޭފުޅެއްގެ އެދިލެއްވުމަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި، ޕީޖީކަމުގެ ޒިންމާތައް އަދާކުރެއްވުމުގައި އެއްވެސް މީހެއްގެ މޫނަށް ނުބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްބާސަކީ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފައެވެ.

އައްބާސްވަނީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވަކީލުކަން ވެސް ކުރައްވައިފައެވެ.

comment ކޮމެންޓް