ބުރިޖު މަތިން ސާފްބޯޑު އުފުލި މީހާ 750 ރުފިޔާއިން ޖޫރިމަނާކޮށްފި

ބުރިޖު މަތިން ސާފްބޯޑު އުފުލުން: އެ މީހާ ވަނީ 750 ރުފިޔާއިން ޖޫރިމަނާކޮށްފައި -- ފޮޓޯ/ ފުލުހުން

ސިނަމާލެ ބުރިޖު މަތިން ސައިކަލެއްގައި ސާފްބޯޑު އުފުލި މީހަކު 750 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބުރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލުގައި ސާފްބޯޑެއް އުފުލި މީހަކާ މެދު، ގަވައިދާ ޚިލާފަށް މުދާ އުފުލުމުގެ މައްސަލައިގައި ފިޔަވަޅު އަޅައިފައިވާ ކަމަށެވެ.

އެފަދަ އަމަލުތަކަކީ ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށް ވާތީ، އެފަދަ އަމަލުތަކުން ދުރުހެލިވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޝިފާން އެހެން ވިދާޅުވީ، ހައިވޭ މަތިން ދުއްވި ސައިކަލެއްގެ ފަހަތު ސީޓުގައި ސާފްބޯޑެއް ހިފަހައްޓައިގެން އިން މީހަކު ފެންނަ ވީޑިއޯއެއް މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެ މައްސަލައިގައި އެ މީހާއަށް އެޅި ފިޔަވަޅަކީ 750 ޖޫރިމަނާ ކުރުން ކަމަށެވެ.

މީގެ ކުރިން ވެސް ބުރިޖު މަތީގައި ގަވައިދާ ޚިލާފަށް ތަކެތި އުފުލުމުގެ މައްސަލަތަކުގައި ފިޔަވަޅު އަޅައިފައިވެއެވެ. އެގޮތުން ސައިކަލަކަށް މާގަސްތަކެއް އަރުވައިގެން ބުރިޖުން ދުއްވި މީހަކަށް މި ފަހުން ފިޔަވަޅު އަޅައިފައިވެއެވެ.

https://sun.mv/196483

މީގެ އިތުރުން, ބުރިޖު މަތިން ގަވައިދާ ޚިލާފަށް މީހުން އުފުލި އުޅަނދުތަކެއްގެ ޑްރައިވަރުންނަށް ވެސް ފިޔަވަޅު އަޅައިފައިވެއެވެ.

https://sun.mv/196575

މާލެ ސަރަހައްދުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވާއިރު، ބުރިޖު މަތީގައި ހިނގި ބަައެއް އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އަދި, ފުލުހުން މި ފަހުން މަގުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާއިރު، ބުރިޖު ޕެޓްރޯލް ކުރަން ވެސް އިތުރު ފިޔަވަޅު އަޅައިފައިވެއެވެ.

comment ކޮމެންޓް