ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ފުލުހުން ސައިކަލު ބޭނުންކުރަން ފަށަނީ

ޓްރެފިކް ޕޮލިހުންތަކެއް ސައިކަލުތަކެއްގައި: މި ހަފުތާ ތެރޭ ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ފުލުހުން ސައިކަލު ބޭނުންކުރަން ފަށަނީ ---- ފޮޓޯ/ އޭއޯ ނިއުސް

ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން މި ހަފުތާ ތެރޭ ސައިކަލު ބޭނުންކުރަން ފަށާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނެފިއެވެ.

މަގުމައްޗަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅުވައި ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ލުތުފީ ވިދާޅުވީ، މާލެ ތެރޭގައި ހިނގާ އެކްސިޑެންޓުތަކަށް ވުރެ ސިނާމާލެ ބްރިޖުގައި ހިނގާ އެކްސިޑެންޓުތަކުން ލިބޭ ގެއްލުން މާ ބޮޑު ކަމަށެވެ.

އެހެންވެ، އެފަދަ އެކްސިޑެންޓުތައް މަދު ކުރުމަށް ބްރިޖުގައި ޕެޓްރޯލުކުރުން ހަރުދަނާ ކުރުމަށް މި ހަފުތާ ނިމުމުގެ ކުރިން ފުލުހުން ސައިކަލު ބޭނުން ކުރަން ފަށާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ. މީގެކުރިން ފުލުހުން އެކަން ކުރަމުން އައީ ކާރު ބޭނުންކޮށްގެން ކަން ލުތުފީ ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ކާރެއް: މި ހަފުތާ ތެރޭ ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ފުލުހުން ސައިކަލު ބޭނުންކުރަން ފަށަނީ -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

އެއީ ވަރަށް ބޮޑު ތަނެއްވީމަ މާލެ އަދި ހުޅުމާލޭގައި ފުލް ޕެޓްރޯލް ކުރާ ގޮތަކަށް ނޫނީ ޕޮއިންޓް ހަދައިގެން ދިމަ ދިމާލެއްގަ އެކަން ބެލެހެއްޓުމަކީ އެހާ ފަސޭހަ ކަމަކަށް ނުވޭ. އެހެންވީމަ އަޅުގަނޑުމެން މިއަދާ ހަމައަށް ޕެޓްރޯލް ކުރަމުން މިއައީ ކާރު ބޭނުންކޮށްގެން. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މި ބަލަނީ މި ހަފުތާ ނިމުމުގެ ކުރިން ސައިކަލު ބޭނުން ކުރަން ފަށަންޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ލުތުފީ

އިތުރަށް ލުތުފީ ވިދާޅުވީ، ބްރިޖުގައި ޕެޓްރޯލު ކުރުމަށް ސައިކަލު ބޭނުން ކުރަން ފެށުމުން އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ބްރިޖް އަރިމަތީގައި ޕާކުކޮށްގެން، ފޯނުކުރުން ފަދަ ކަންކަމުގައި މަޑުކޮށްގެން ތިބޭ މީހުން ފޮނުވާލަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު, ކާރުގައި ޕެޓްރޯލް ކުރާއިރު، އެފަދަ ކަންކަން ހުއްޓުވަން އުނދަގޫ ކަމަން އޭނާ ފާހަގަކުރެއްވިއެވެ.

ފުލުހުން ވެހިކަލެއް ޗެކު ކުރަނީ: މި ހަފުތާ ތެރޭ ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން ފުލުހުން ސައިކަލު ބޭނުންކުރަން ފަށަނީ --- ފޮޓޯ/ ފުލުހުން

މީގެއިތުރުން، ބްރިޖުގައި ބޮޑު އެކްސިޑެެންޓެއް ހިނގައިފި ނަމަ ބްރިޖުގެ ޓްރެފިކަށް ވަރަށް ބޮޑަށް ބުރޫއަރާކަމަށާއި ސައިކަލު ބޭނުން ކުރަން ފެށުމުން އެފަދަ ސީންތަކަށް ވީހާވެސް އަވަހަށް ދާން ވެސް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިޖް ޕެޓްރޯލްކުރުމަށް ސައިކަލު ތައާރަފްކުރުމުން މިހާރަށް ވުރެ ބޮޑަށް ބުރިޖު މަތީގައި ފުލުހުންގެ ވިޒިބިލިޓީ ވަރުގަދަވެ، މިއީ ކުށްކުރާ ފަރާތްތައް ދެނެގަތުމަށް އެޅޭ ރަނގަޅު ފިޔަވަޅަކަށް ވާނެކަން ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/196491

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައިފައިވެއެވެ. އެހެންވެ، ފުލުހުން ވަނީ އާންމު މިންވަރަށް ވުރެ އިތުރަށް މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފައެވެ.

މިއަހަރުގެ މިހާތަނަށް ފުލުހަށް 1،933 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް