މީހެއްގެ ވައިބާއާއި ފޭސްބުކް ހެކްކޮށްގެން އަތުލި، 10،700 ރުފިޔާ ފުލުހުން ހޯދައިފި

ފޭސްބުކް އާއި މެސެންޖާ: މީހެއްގެ ވައިބާއާއި ފޭސްބުކް ހެކުކޮށްގެން އަތުލި، 10،700 ރުފިޔާ ފުލުހުން ހޯދައިފި -- ފޮޓޯ: ފުލުހުން

މީހެއްގެ ވައިބާއާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައިގެން މަކަރާއި ހީލަތުން އަތުލާފައިވާ 10،700 ރުފިޔާ ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ބުނީ، މީހެއްގެ ވައިބާއައި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައިގެން އެމީހާގެ ނަމުގައި އެހެން މީހުންނަށް މެސެޖުކޮށްގެން މަކަރާއި ހީލަތުން ފައިސާތަކެއް އަތުލި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ރިޕޯޓުކުރި ކަމަށެވެ.

އެހެންވެ، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި ސައިބާ ސެންޓަރުގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން ހަ ގަޑިއެއްހާއިރުގެ ތެރޭގައި އެ ފައިސާތައް ހޯދުނު ކަމަށް ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެކި މީހުން ފައިސާ ޖަމާކޮށްފައިވާ ތިން އެކައުންޓުގެ ވެރިފަރާތް ދެނެގަނެ 10،700 ރުފިޔާ ހޯދާފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު، އޭޓީއެމް މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާ ސްލިޕްތަކަކާއި ކޭޝްކާޑުތަކަކާއި ދިރާގު އަދި އުރީދޫ ސިމްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ފައިސާތައް މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާއިރު، މި މައްސަލައާ ގުޅުވައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަކީ މިހާރު ރާއްޖޭގައި ބޮޑު މައްސަލައެކެވެ. އެކި ދުވަސްވަރު އެކި އުކުޅުތައް ބޭނުންކޮށްގެން މި ފަދަ ކުށްތަކަށް އަރައިގަންނައިރު، ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ މި ފަދަ ކަންކަމާއި ގުޅިގެން އާންމުން ހޭލުންތެރިކޮށް، މައުލޫމާތު ދެމުންނެވެ.

comment ކޮމެންޓް