މީހަކު ބަރަހަނާކޮށް ފޭރުނުކަމުގެ ތުހުމަތުވާ 3 މީހަކަށް ދައުވާކުރަން ހުށަހަޅައިފި

ފޭރުމުގެ މައްސަލައެއްގައި ދައުވާ ކުރުމަށްއެދި ޕީޖީއަށް ނަން ފޮނުވާފާއިވާ ތިން މީހެއް---- ފޮޓޯ/ ފުލުހުން

ފޭރުމުގެ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ އޮފީހަށް ހުށަހަޅައިފިއެވެ.

މި ކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި އެ މީހާއަށް ވަޅިން ބިރުދައްކައި ބަރަހަނާކޮށް، އަނިޔާކޮށްފައި ވާކަމަށެވެ.

އަދި އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައި ވާކަމަށެވެ.

މި މައްސަލައިގައި ޕީޖީއަށް ދައުވާކޮށްދޭން އެދި ފޮނުވާފައި ވަނީ މއ. މަސްފަން، އުމުރުން 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އާއި ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމުގެ މައްޗަށެވެ.

އަދި މި މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ތިން މީހުންގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް