ގެއެއްގެ މަތިން ކުޑަދޮރު ބިއްލޫރިގަނޑު މަގަށް ވެއްޓި މީހަކަށް އަނިޔާވެއްޖެ

މީގެ ކުރިން ހ. ސްނޯޑްރޮޕް ވެސްޓް، ގެއިން މަގުމައްޗަށް ވެއްޓުނު ދޮރުގެ ބިއްލޫރިތައް، ފުލުހުންނާއި އާއްމުން ގުޅިގެން ސާފު ކުރަނީ -- ސަން ފައިލް ފޮޓޯ

މާލޭ ގެއެއްގެ މަތިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓި، ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް މީހަކަށް މިރޭ އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގައިފައިވަނީ ޖަހާމުގުރި ގޯޅީގައެެވެ. އެގޮތުން އެ ގޯޅީގައި ހުރި ގެއެއްގެ ހަވަނަ ފަންގިފިލާގެ ކުޑަދޮރެއް ވެއްޓި ރިޕޯޓުކޮށްފައިވަނީ މިރޭ 19:12 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވީ އެ ވަގުތު ސައިކަލެއް ޕާކުކުރަން އުޅުނު މީހަކަށް ކަމަށެވެ. އެގޮތުން ބިއްލޫރިގަނޑު ވެއްޓި ތަޅައިގެން ގޮސް އޭނާގެ ގަޔަށް ބިއްލޫރިތައް ބުރީކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އެއާއެކު މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަސް ވެސް ފުލުހުން ބުންޏެވެ.

މާލޭގެ ގޭގޭގައި މަގަށްވާ ގޮތަށް ބިއްލޫރި ކުޑަދޮރުތައް ހުންނައިރު ވެއްޓިއްޖެނަމަ ރައްކާތެރިވެވޭނެ އިތުރު ގޮތެއް ނޯވެއެވެ.

ހަމައެއާއެކު ބެލްކަނިތަކުގައި އުސްކޮށް، މަގަށްވާ ގޮތަށް ގަސް މުށި ބަހައްޓައިފައި ހުރުމަކީ ވެސް އާންމު ކަމެކެވެ. ވައިގަދަވާ ހާލަތްތަކުގައި މީގެ ކުރިން ވެސް އެ ފަދަ ތަންތަނުން ތަކެތި ވެއްޓި ހާދިސާތައް ހިނގައިފައިވެއެވެ.

comment ކޮމެންޓް