އެސްޓީއޯ ދަށަށް ބަދަލުކުރާ ފެނަކައިގެ ޗެއާމަނަކަށް ޝިމާދު އައްޔަންކޮށްފި

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު: ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން ފެނަކައިގެ ޗެއާމަނަކަށް ޝިމާދު ވަނީ އައްޔަންކޮށްފައި -- ފޮޓޯ/ އެސްޓީއޯ

ފެނަކަ ކުންފުނި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ދަށަށް ބަދަލުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެނަކައިގެ ޗެއާމަނަކަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މިއަދު އައްޔަންކޮށްފިއެވެ.

އަންނަ އަހަރުން ފެށިގެން ފެނަކަ، އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، ފެނަކަ، އެސްޓީއޯ އަދި ފިނޭންސް މިނިސްޓްރީ ގުޅިގެން އަންނަނީ އެ ކަމަށް ބޭނުންވާ ޕްލޭނެއް އެކުލަވައިލަމުންނެވެ. އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން ނިންމީ ފެނަކައިގެ ދަރަނީގެ މައްސަލަ ބޮޑުވެގެންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝިމާދު އައްޔަންކޮށްފައެވެ. އަދި، އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް މިއަދު ވަނީ ފެނަކަ ބޯޑަށް އައްޔަންކޮށްފައެވެ.

އެސްޓީއޯގެ ދަށުން ފެނަކަ ހިންގަން ފަށަންދެން އެ ކުންފުނި ހިންގާ އިންޓެރިމް ބޯޑުގައި ހިމެނޭނީ އެސްޓީއޯއާއި ފިނޭންސް މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުންނެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ބަދަލުކުރަން މިދިޔަ އޯގަސްޓް 15 ގައި އެ ކުންފުނިން ވަނީ ސަރުކާރަށް ޕްރޮޕޯޒަލެއް ހުށަހަޅައިފައެވެ. އެ ހުށަހެޅުމާ އެއްގޮތަށް ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރަން ސަރުކާރުން ނިންމީ މިދިޔަ މަހު 25 ގައެވެ.

ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާއެވެ.

އެހެންވެ، އެ ފައިސާ އެސްޓީއޯއަށް ލިބޭނެ ގޮތުގެ ޕްލޭނެއް ހަދައި، ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހަދާނެ ކަމަށް އެސްޓީއޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.

comment ކޮމެންޓް