ބިދޭސީން އުޅޭ ތަނަކުން މޮބައިލް ފޯނުތަކަކާއި ވޮލެޓުތަކެއް ވަގަށް ނެގި ދިވެއްސަކު ހައްޔަރުކޮށްފި

ހުޅުމާލެއިން މޮބައިލް ފޯނުތަކަކާ ވޮލެޓުތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ/ ޕޮލިސް

ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކުން މޮބައިލް ފޯނުތަކަކާއި ވޮލެޓުތަކެއް ވަގަށް ނެގި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އިންޑަސްޓްރިއަލް ޒޯނުގައި ބޭރު މީހުން ދިރިއުޅޭ އެކޮމިޑޭޝަނަކުން މިއަދު ފަތިހު ވައްކަންކުރި މައްސަލައެއްގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މީދޫ، ނަސީމީގޭ އުމުރުން 29 އަހަރުގެ މުޙައްމަދު ޝާފީއެވެ.

ފުލުހުން ބުނީ ޝާފީގެ އަތުން ހަތް މޮބައިލް ފޯނާއި، އެއް ޕަވަބޭންކުގެ އިތުރުން ދެ ވޮލެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،601 މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް