ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ސީރިއަސް ކަންބޮޑުވުންތަކެއް ފެންމަތިވުމާ ގުޅިގެން، ޗައިނާގެ އޭއައި ކުންފުނި މިނީމެކްސްގެ މަގުބޫލު ޗެޓްބޮޓް އެޕް "ޓޯކީ" ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެޕަލް އެޕް ސްޓޯރުން މި ހަފުތާގައި ނަގައިފިއެވެ.
މި އެޕް އެޕް ސްޓޯރުން އުނިކޮށްފައިވަނީ، އެޕްގައި ހިމެނޭ އޭއައި ކެރެކްޓަރުތަކުން ކުޑަކުދިންނަށް ޖިންސީ ގޮތުން ނާޖާއިޒު އަދި އަނިޔާވެރި މެސެޖުތަކެއް ފޮނުވާފައިވާ ކަމަށް އޭބީސީ ނިއުސް އާއި ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމުން ބުދަ ދުވަހު ރިޕޯޓުކުރުމާ ގުޅިގެންނެވެ.
2023 ވަނަ އަހަރު ތައާރަފުކުރި ޓޯކީ އަކީ ބޭނުންކުރާ ފަރާތްތަކާ ވާހަކަދެއްކުމަށް ތަފާތު އެކި އޭއައި ބައިވެރިން ފޯރުކޮށްދޭ އެޕެކެވެ. މީގެ ތެރޭގައި ލޯބީގެ ވާހަކަތައް ދައްކާ ކެރެކްޓަރުތައްވެސް ހިމެނޭއިރު، ޝަންހާއީގައި ގާއިމުވެފައިވާ މިނީމެކްސް އިން "ޝިންގްޔޭ" ގެ ނަމުގައި މި އެޕްގެ ޗައިނާ ވާޝަނެއްވެސް ހިންގައެވެ.
އެޕަލް އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުގައި މި އެޕަށް 18 އަހަރުން މަތީގެ ރޭޓިންއެއް ދީފައިވީ ނަމަވެސް، އުމުރު ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް ނެތުމުން ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެޕްގައި އުމުރު ޖަހަން ޖެހެނީ ބޭނުންކުރާ މީހާ އަމިއްލައަށް ކަމަށްވާތީ، އުމުރު ހަމަނުވާ ކުދިންނަށް ފަސޭހައިން ރަޖިސްޓްރީ ވެވޭކަން ފާހަގަކުރެވެއެވެ.
ރިސާޗް ފާމް ސެންސާ ޓަވަރުން ހާމަކުރާ ގޮތުގައި ޓޯކީ އެޕް އެންމެ މަގުބޫލީ އެމެރިކާ، ފިލިޕީންސް އަދި މެކްސިކޯގައެވެ. އަދި ޗައިނާގެ ރިސާޗް ފާމެއް ކަމަށްވާ ޔުނިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް މި އެޕާއި ވެބްސައިޓް ބޭނުންކުރާ މީހުންގެ އަދަދު މަހަކު ގާތްގަނޑަކަށް 11 މިލިއަނަށް އަރައެވެ.
ޗެޓްޖީޕީޓީ ނުވަތަ ޖެމިނައި ފަދަ އާންމު އޭއައި އެސިސްޓެންޓުންނާ ހިލާފަށް، އޭއައި ކޮމްޕޭނިއަން އެޕްތައް ފަރުމާކޮށްފައި ހުންނަނީ ބޭނުންކުރާ މީހުންނާ އެކު ޖަޒުބާތީ ގުޅުމެއް އުފައްދައި، އިންސާނުން ފަދައިން ވާހަކަދައްކާ ގޮތަށެވެ. 2024 ވަނަ އަހަރު މިނީމެކްސްއަށް ލިބުނު އާމްދަނީގެ 60 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރީ ޓޯކީ އާއި ޝިންގްޔޭއިން ނަމަވެސް، ޖެނުއަރީ މަހު ހޮންކޮންގުގައި ހިއްސާ ވިއްކަން ފެށި ފަހުން އެ ކުންފުނިން ވަނީ އެންޓަޕްރައިޒް ކޯޑިން އަދި މަލްޓިމޯޑަލް އޭއައި މޮޑެލްތަކަށް އިސްކަންދޭން ފަށާފައެވެ.
ކުޑަކުދިންނާ އެކު އޭއައި ޗެޓްބޮޓްތަކުން ކުރާ މުއާމަލާތްތަކާ މެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އީލޮން މަސްކްގެ ގްރޮކް އޭއައި އާއި، ކެރެކްޓާ އޭއައި ފަދަ ޕްލެޓްފޯމްތަކަށްވެސް މިފަދަ މައްސަލަތަކާ ގުޅިގެން ސަރުކާރުތަކުގެ ފާޑުކިޔުމާއި ގާނޫނީ ދައުވާތައް ވަނީ ކުރިމަތިވެފައެވެ.
މީގެ އިތުރުން، މިދިޔަ ޖުލައި މަހު ޗައިނާގެ ރެގިއުލޭޓަރުން ވަނީ ކުޑަކުދިންނަށް އޭއައި ބައިވެރިންނާ އެކު ގައިގޯޅި ގުޅުންތައް ބޭއްވުން މަނާކޮށް، ޝިންގްޔޭ ފަދަ އެޕްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މި ގަވާއިދުތަކާ ގުޅިގެން ބައިޓްޑާންސް އާއި އަލީބާބާ ފަދަ ބޮޑެތި ކުންފުނިތަކުންވެސް ވަނީ އެ ކުންފުނިތަކުގެ އެޕްތަކުގައި ހިމެނޭ އިންސާނުން ފަދަ އޭއައި އޭޖެންޓުންގެ ހިދުމަތް މެދުކަނޑާލާފައެވެ.