ޗައިނާއާ އެކު ކަރަންސީ ސެޓްލްމަންޓު ނިޒާމެއް ގާއިމުކުރަން މަޝްވަރާކޮށްފި

އިގްތިސާދާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް ސައީދު ޗައިނާގެ ކޮމާސް މިނިސްޓަރާ ބައްދަލުކުރައްވައިފި-- ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ

ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓްލްމަންޓު ނިޒާމެއް ގާއިމުކުރުމާ ގުޅޭ ގޮތުން އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސައީދާއި ޗައިނާގެ ކޮމާސްއާ ބެހޭ މިނިސްޓަރު ވޮންގް ވެންޓައުއާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމަކީ ޖެނުއަރީ މަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސާ އެކު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ވިޔަފާރިއާއި އިގުތިސާދާ ގުޅުންހުރި ކަންކަމުގައި އިތުރަށް މަޝްވަރާކުރެއްވުމަށް ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

މިނިސްޓަރު ސައީދާއި ޗައިނާގެ މިނިސްޓަރު އޮފް ކޮމާސް ބައްދަލުކުރެއްވީ ޗައިނާގައި ކުރިއަށްދާ 15 ވަނަ ވޯލްޑް އިކޮނަމިކް ފޯރަމްގެ ހަވާސާގައެވެ.

އިގްތިސާދާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް ސައީދު ޗައިނާގެ ކޮމާސް މިނިސްޓަރާ ބައްދަލުކުރައްވައިފި-- ފޮޓޯ: އިކޮނޮމިކް މިނިސްޓަރީ

އިކޮނަމިކް މިނިސްޓަރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި ބައްދަލުވުމުގައި ޗައިނާއާއި ރާއްޖެއާ ދެމެެދު ސޮއިކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ތަންފީޒުރަން ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަންވީ އެންމެ އަވަހަށް ފުރިހަ ކުރުމަށް މަޝްވަރާކުރެވުނު ކަމަށެވެ.

އަދި، ރާއްޖެއާއި ޗައިނާއާ ދެމެދު ފަސޭހައިން ވިޔަފާރިކުރެވޭނެ ގޮތަށް، ކަރަންސީ ސެޓްލްމެންޓް ނިޒާމެއް ގާއިމުކުރުމުގެ މަޝްވަރާ ވެސް ވަނީ ކުރެވިފައެވެ.

ޗައިނާ އަދި އިންޑިއާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ދެ ގައުމު ސަރުކާރުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިކޮނަމިކް މިނިސްޓަރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާ އެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާ އެކު މިފަދަ ކަރަންސީ ސެޓްލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް