ޔާމީންގެ ހިސާބެއް: ''ބަންކަރިންއިން ލިބޭނީ ބާ ދަގަނޑު''

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ބަންކަރިން ޚިދުމަތުން ސަރުކާރުން އަންދާޒާކުރާ ވަރަށް އާމްދަނީއެއް ނުލިބޭނެ ކަމަށް -- ސަން ފޮޓޯ

މި ސަރުކާރުން ފައްޓަން އުޅޭ ބަންކަރިން ޚިދުމަތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއަށް ލިބޭނީ ބާދަގަނޑު ކޮޅެއް ކަމަށާއި އެ މަޝްރޫއާ ގުޅިގެން ސަރުކާރުން ޖަހާ ހިސާބުތައް އެއްވެސް ވަރަކަށް ދިމާނުވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ މަޝްރޫއަށް ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މި ސަރުކާރުން އިގުތިސާދު ސިންދަފާތުކުރަން ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އިހަވަންދިއްޕޮޅު ބަންކަރިންގެ ޚިދުމަތް މި މަހު 20 ގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުޙައްމަދު ސައީދު މީގެ ކުރިން ވަނީ ބަންކަރިން ޚިދުމަތުން ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ. ބަންކަރިންގެ ތެރެއިން އެސްޓީއޯއިން ތެޔޮ ވިއްކާއިރު އެ ނޫން ޚިދުމަތްތައް ފޯރުކޮށްދެނީ އެމްޕީއެލުންނެވެ.

އެ މަޝްރޫއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޔާމީންގެ އަމިއްލަފުޅު ޕާޓީން ބާއްވާ ސިލްސިލާ ޖަގަހަ ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތުން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ވިދާޅުވެ ހިސާބު ޖެއްސެވި ނަމަވެސް އެއީ އެކަން އޮތްގޮތް ނޫން ކަމަށެވެ. އެ މަނިކުފާނު ވަނީ ބަންކަރިންގެ ޚިދުމަތާ ގުޅޭ ވަރަށް ތަފުސީލީ ހިސާބުތަކެއް ހިއްސާކުރައްވައިފައެވެ.

https://sun.mv/196526

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެސްޓީއޯއަށް ތެޔޮ ސަޕްލައިކޮށްދޭ ވިޓޯލް ކުންފުންޏާ ގުޅިގެން ބަންކަރިންގެ ޚިދުމަތަށް ރާއްޖެ ގެނައި އެއް ބޯޓަކީ ބަތް ފަހުން 12 އަހަރުވެފައި އޮތް ބޯޓެކެވެ. އެ ބޯޓު ގަތީ ފަސް މިލިއަން ޑޮލަރުގެ އަގަކަށް ކަމަށާއި އެހެންވީމާ އެއީ ހަމަ ރަނގަޅު އަގެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކަމަކު، ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން 400 މިލިއަން ޑޮލަރު ނުލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"އެއީ، އިންވެސްޓްމަންޓް ސައިޒާއި އޭގެ ރިޓާންއާ ކޮންމެ ވެސް ވަރެއްގެ ކޯރިލޭޝަންއެއް އޮންނަންވާނެ. އެހެން ނޫނިއްޔާ ޔޫ އާ ޓޯކިން އެސްޓްރޯފިޒިކްސް އެނގޭތޯ" ޔާމީން ތަފުސީލުކޮށްދެއްވަން ފެއްޓެވިއެވެ.

"ތެލަކީ ވިޓޯލްގެ ތެޔޮ. އެސްޓީއޯއަކީ ތެޔޮ އުފައްދާ ބައެއް ނޫން. ތެޔޮ އިމްޕޯޓުކުރާ ބައެއް. ތެޔޮ އެ މީހުން ގަންނަންޏާ ވެސް ގަންނަނީ ވިޓޯލް އަތުން،"

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ ބަންކަރިންއިން އަންދާޒާކުރާ ފައިދާ ނުލިބޭނެ ކަމަށް -- ސަން ފޮޓޯ

އެހެންވެ، ޔާމީން ވިދާޅުވީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަކުން 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރާ ނަމަ، އެއީ އަހަރެއްގެ މައްޗަށް ހިސާބު ހެދިޔަސް 10،000 އިންސައްތައިގެ ފައިދާ ކަމަށެވެ. އެއީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

މީގެ އިތުރުން، އެ މަނިކުފާނު ވިދާޅުވީ ތެޔޮ ޓޭންކަރުތަކަކީ ވިޓޯލްގެ ޓޭންކަރުތައް ނޫން ކަމަށެވެ. އެއީ، ވިޓޯލްއިން ގަތް ޓޭންކަރުތަކެއް ކަމަށާއި އެ ތަކެއްޗަށް އެސްޓީއޯއިން ފައިސާ ދައްކަނީ އިންސްޓޯލްމަންޓަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެ ފައިސާ އެއްކޮށް ދައްކާ ޚަލާސްކުރަން މަދުވެގެން ހަތަރު އަހަރު، އަދި ގިނަވެގެން ހަތް އަހަރު ނަގާނެ ކަމަށް އެ މަނިކުފާނު އަންދާޒާ ކުރައްވައެވެ.

"އެހެން ދާކަމަށްވަންޏާ މި ފަސް މިލިއަން ޑޮލަރު ދީފައި ގަތް އެއްޗަށް މިނިމަމް އަށް މިލިއަން ޑޮލަރު އެސްޓީއޯއިން ދައްކާނެ،" ޔާމީން ވިދާޅުވިއެވެ.

"އެ ހިސާބުން މި އަންނަނީ، [ގަތް އިރު ވެސް] 12 އަހަރުވެފައި އޮތް އެއްޗެއް އިތުރު 12 އަހަރު ހިންގައިފި ކަމަށްވަންޏާ 20 އަހަރު މި ވަނީ އެސްޓީއޯއަށް މީތި [ތެޔޮ ޓޭންކަރު] ލިބޭއިރު. އޭގެ މާނައަކީ އެސްޓީއޯއަށް މި ލިބެނީ ބާދަގަނޑު ކޮޅެއް،"

https://sun.mv/195660

އެ މަނިކުފާނު ވިދާޅުވީ، އެސްޓީއޯއިން ވިއްކާނީ ވިޓޯލްގެ ތެޔޮ ކަމަށްވުމުން އެ ވިއްކައިގެން ލިބޭ ނަފާއިން ބޮޑު ބައެއް ދޭންޖެހޭނީ ވެސް ވިޓޯލަށް ކަމަށެވެ.

ދުރު ހިސާބުތަކަށް ދަތުރުކުރާ ބޯޓުފަހަރު މިހާރު ދަތުރު ފަށަނީ ފުރާ ތެޔޮ އަޅައިގެންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ތެޔޮ އަޅަން އެކަނި ރާއްޖެއަށް މަޑުކުރާނީ ވަރަށް މަދު ބޯޓެއް ކަމަށެވެ. ތެޔޮ ބޭނުންވެގެން ދަތުރެއް ކުރިއަސް ކުރާނީ 70 ނުވަތަ 80 ބޯޓު ކަމަށް އެ މަނިކުފާނު އަންދާޒާކުރައްވައެވެ. އެހެންވެ، މި ވިޔަފާރިން އެސްޓީއޯއަށް ލިބޭނީ ވަރަށް ކުޑަކުޑަ އާމްދަނީއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މެކްސިމަމް ޓަނަކުން އެސްޓީއޯއަށް ލިބެނީ ދެ ޑޮލަރޭ. އެހެންވީމާ އަހަރެއްގެ ތެރޭގައި އެއް މިލިއަން ޓަނު، ދެން އަޅުގަނޑަކަށް ނޭނގެ ކިތައް ބާޖުކަމެއް އެ ތަނުގައި އޮންނަން ޖެހޭނީ، ކިތައް ޓާން އޯވާ ކަމެއް، ކިތައް ބޯޓު ކަމެއް [އެއް މިލިއަން ޓަނު ވިއްކަން]. އެއް މިލިއަން ޓަނު ވިއްކައިފި ކަމަށްވަންޏާ އެ ލިބެނީ ދެ މިލިއަން ޑޮލަރު،" ޔާމީން ވިދާޅުވިއެވެ.

"އެހެންވީމާ 400 މިލިއަން ޑޮލަރަށް ދާއިރު ވީ އާ ޓޯކިން އެބައުޓް ފިއު ލީޕް އިޔާޒް[ގިނަ އަހަރުތަކެއް]. މި ވަރުގެ ހިސާބު ހިފައިގެން މި ބޭފުޅުން މި އަރަނީ،"

ބަންކަރިން ޚިދުމަތް ފަށަން ވިޓޯލާ އެކު އެއްބަސްވުމުގައި ސޮއިކުރަނީ: -- ސަން ފޮޓޯ/ މުހައްމަދު މާވީ

އެންމެ ފުރަތަމަ އެ ޚިދުމަތް ފަށާ ގޮތަށް އޮތީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން، އެމްޕީއެލާއި އެސްޓީއޯ ގުޅިގެން އެއްބަސްވުމެއްގައި ސޮއިކޮށް، އެ ޚިދުމަތް ފަށަން ނިންމާފައި އޮތީ އިއްޔެއެވެ. އެކަމަކު، ޚިދުމަތް ފެށުން ލަސްކުރީ، ކުރިން ރާވާފައިވާ ވަރަށް ވުރެ ބޮޑުކޮށް އެކަން ފާހަގަކޮށް ޚިދުމަތް ދޭން ފަށަން ކަމަށް އެސްޓީއޯއިން ފަހުން ބުނެފައިވެއެވެ.

ވަޒީރު ސައީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އުތުރުން 300 އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރުކުރެއެވެ. އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް އޭނާ ކުރިން ވިދާޅުވިއެވެ.

comment ކޮމެންޓް