ރިޒާވް ދަނީ ދަށަށް، ސިންދަފާތުކުރުމުގެ ނަތީޖާއެއް ނުފެނޭ: ޔާމީން

ކުރީގެ ރައީސް ޔާމީން: ރާއްޖޭގެ ރިޒާވް ދަށަށްދާ ކަމަށާއި ސިންދަފާތުކުރުމުގެ ނަތީޖާއެއް ނުފެނެންނަ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއް ނުފެނި، ގައުމުގެ ބޭނުން ކުރެވޭ ރިޒާވް އަންނަނީ ދަށްވަމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޔާމީންގެ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި, މި ސަރުކާރުން އިގުތިސާދު ސިންދަފާތު ކުރުމަށް ރާވާފައިވާ އެންމެ ބޮޑު އެއް މަސައްކަތް ކަމަށްވާ ބަންކަރިން ޚިދުމަތް ކުރިއަށްގެންދަން ނިންމައިފައިވާ ގޮތުން އެ މަސައްކަތް ކާމިޔާބުވާނެ ކަމާމެދު ސުވާލުއުފެދޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ, ބަންކަރިން ޚިދުމަތަށް ބޯޓުފަހަރު މަޑުކުރަން އެއް ސަބަބަށް ވުރެ ގިނަ ސަބަބު އޮންނަން ޖެހޭނެ ކަމަށެވެ. އެގޮތުން, ކަނޑުމަތީގައި އޮންނަ ބޯޓަކުން ހަމައެކަނި ތެޔޮ އަޅަން މަޑުކުރަން ބޯޓުފަހަރުގެ ޝައުގުވެރިކަމެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި "އައިހެވަން"ގެެ ނަމުގައި އިހަވަންދިއްޕޮޅުގައި އިންޓަގްރޭޓޭޑް ޕްރޮޖެކްޓެއް ހިންގަން އިއުލާންކުރެއްވީ އެ ވިސްނުމުގައި ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެއީ އައިހެވެން މަޝްރޫއަކީ އެތައް ބައިވަރު ކޮމްޕޯނެންޓުތަކެއް [ހިމެނޭ] އޭގެ ތެރެއިން އެންމެ ކޮމްޕޯނެންޓެއް ބަންކަރިންއަކީ. އެކަމަކު އެއީ އޮންޝޯ ފެސިލިޓީއެއް އެހެންވެގެން ޕޯޓް އޮފް ކޯލްއަކަށް އެތަން ހަދަން އަޅުގަނޑުމެން ނިންމީ،" ޔާމީން ވިދާޅުވިއެވެ.

"އެކަމަކު މިހާރު ސްޓެންޑްއެލޯން ޓޭންކަރެއް ގެނެސް ތެޔޮ އަޅާ ކަމަށްވަންޏާ ދެން ކިހާ ސަކްސެސްފުލްތޯ އެކަން ވާނީ އެ ދެން ހަމަ ޑިބޭޓެބުލް،"

ބަންކަރިން ޚިދުމަތަށް ގެނައި ޕައިލެޓް ބޯޓް: މި ސަރުކާރުން ނިންމައިފައިވަނީ އަންނަ ބުރާސްފަތި ދުވަހު ބަންކަރިން ޚިދުމަތް ފަށަން -- ފޮޓޯ/ އެމްޕީއެލް

އައިހެވަން މަޝްރޫއު އިއުލާންކުރީ ބަންކަރިން ޚިދުމަތް ދީ، ބަނދަރަކާއި އެއާޕޯޓަކާއި ޝޮޕިން މޯލްތަކުގެ އިތުރުން ރިއަލް އެސްޓޭޓާއި ޓޫރިސްޓު ރިސޯޓު ތަރައްގީކުރާ ގޮތަށެވެ. ނަމަވެސް، އެ މަސައްކަތް ކުރިއަށްގޮސްފައިނުވެއެވެ.

މި ސަރުކާރުން މިދިޔަ ޖުލައި މަހު ރާއްޖޭގެ އުތުރުގައި ބަންކަރިން ޚިދުމަތް ދޭން ފަށަން މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުން އެ ޚިދުމަތް ފަށަން ދީފައިވާ ތާރީޚަކީ އަންނަ ބުރާސްފަތި ދުވަހެވެ. އެގޮތުން، ޚިދުމަތް ދޭނީ 4،000 ޓަނުގެ ތެޔޮ އުފުލޭ ދެ އުޅަނދުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަައީދު މީގެ ކުރިން ވަނީ ބަންކަރިން ޚިދުމަތާ އެކު ރާއްޖޭގެ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން އިއުލާނުކޮށްފައިވާ އެހެން ބިޔަ މަޝްރޫއެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ 20 އަހަރުގެ ރޭވުމުގައި ހިމެނޭ ބައެއް ކަންތައްތަކަށް ވެސް ރޭގެ ޖަލްސާގައި ޔާމީން އިޝާރާތް ކުރެއްވިއެވެ. އެގޮތުން، މާލެ ކައިރި އޮތް ފުނަދޫގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ބަދަލުކުރުމާއި ސީޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތްތަކުން ފައިދާއެއް ލިބޭނެ ދުވަހެއް ސަރުކާރުން ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/186956

"ޑައިވާސިފިކޭޝަންގެ ނަމުގައި އަޅުގަނޑުމެންނަށް ވެސް ގަބޫލުކުރެވޭ އާ ވާހަކައެއް ވިދާޅުވާންވީނޫންތޯ، ޑައިވާސިފިކޭޝަނަކަށް ނުވޭ، ދެން ތަފާސްހިސާބުން ހަމަ ގައިމު ވެސް ޑައިވާސިފިކޭޝަން ނަތީޖާއެއް ނުފެނޭ. ރިޒާވް އެއޮތީ ނޯސް ޑައިވްއެއް ޖަހައިފައި ޔޫޒެބުލް ރިޒާވް، އެހެންވީމާ ޑައިވާސިފިކޭޝަންގެ ނަތީޖާއެއް ނުފެނޭ،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެއްޗާއި ޑޮލަރުގެ އަގު އުފުލި، ކަރަންޓާއި ފެން ބިލުތައް ބޮޑުވަމުންދާތީ އެ ކަންކަމުގެ ހަގީގަތް ސަރުކާރުން ހާމަކުރަން ޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރު ފައިސާގެ އަގު އުފުލިފައިވާއިރު މި ސަރުކާރުން އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން ނިންމައިފައިވެއެވެ. އެގޮތުން، ގައުމުގެ އާމްދަނީއަށް ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާނުވެ، އިގުތިސާދު ސިންދަފާތު ކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ.

comment ކޮމެންޓް