ބަންކަރިން ފެށުން އަނެއްކާވެސް ފަސްކޮށްފި؛ އާ ތާރީޚަކީ މިމަހު 20

ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ގެނައި މެރިން އޭންޖަލް ކުޅުދުއްފުށީގައި --- ފޮޓޯ/ އެސްޓީއޯ

އިހަވަންދިއްޕޮޅުގައި މި މަހު 20ގައި ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އެސްޓީއޯއިން މިއަދު ބުނެފިއެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ، އުތުރުގައި ބަންކަރިގެ ޚިދުމަތް ފަށަން ގެންނަ ދެ ބޯޓުގެ ތެރެއިން 'މެރިން އެންޖަލް' ނަމަކަށް ކިޔާ ބޯޓު ކުޅުދުށްފުށި ސިޓީގައި ބަނދަރުކޮށްފައިވާ ކަމަށާއި އެ ބޯޓުގައި 3،000އާއި 4،000 ޓަނާ ދެމެދުގެ އަދަދަކަށް ތެޔޮ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

އެ ޚިދުމަތަށް ބޭނުންކުރާ ދެވަނަ ބޯޓުވެސް މި މަހު 15ގެ ކުރިން ރާއްޖެއަށް އަންނާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މި މަހު 20ގައި އެ ޚިދުމަތް ފެށޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، އެ ޚިދުމަތުގެ ތެރެއިން އެސްޓީއޯއިން ބޯޓުތަކަށް ތެޔޮ ވިއްކާއިރު، އެމްޕީއެލްއިން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އޮފިޝަލް ވިދާޅުވެއެވެ.

އެންމެ ފުރަތަމަ އެ ޚިދުމަތް ފަށާ ގޮތަށް އޮތީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭގެފަހުން، އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން އެއބަސްވުމެއްގައި ސޮއިކޮށް އެ ޚިދުމަތް ފަށަން ނިންމާ ފައި އޮތީ މި ހަފުތާގެ ބުރާސްފަތީގައެވެ.

ނަމަވެސް، ޚިދުމަތް ފެށުން ލަސްކުރީ، ކުރިން ރާވާފައިވާ ވަރަށް ވުރެ ބޮޑުކޮށް އެކަން ފާހަގަކޮށް ޚިދުމަތް ދޭން ފަށަން ކަމަށް އެސްޓީއޯއިން މިއަދު ބުނެފައިވެއެވެ.

https://sun.mv/195828

މީގެކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށުމުން އިގުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

https://sun.mv/195053

ސައީދު ވިދާޅުވީ ރާއްޖޭގެ އުތުރުގައި 300 އާއި 450އާ ދެމެދުގެ އަދަދަކަށް ކޮމާޝަލް ބޯޓުފަހަރު ދަތުރު ކުރަމުންދާ ކަމަށެވެ. އެ ބޯޓުފަހަރުތަކުގެ އެއް ޕަސެންޓަށް ބަންކަރިންގެ ޚިދުމަތް ދިނަސް، ޚިދުމަތް ފަށާ ފުރަތަމަ އަހަރު ރާއްޖޭގެ ޖީޑީޕީ 400 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް