ޑޮލަރުން ލިބޭ އާމްދަނީން، ޑޮލަރުން ޓެކްސް ނަގަން ގަވައިދަށް އިސްލާހު ގެނެސްފި

އޭޓީއެމްއަކުން ޑޮލަރު ނަގަނީ: ޑޮލަރުން ލިބޭ އާމްދަނީން، ޑޮލަރުން ޓެކްސް ނަގަން ފަށަން ގަވައިދަށް ވަނީ އިސްލާހު ގެނެސްފައި --- ފޮޓޯ: ބީއެމްއެލް

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ނަގާ ޓެކްސް ޑޮލަރުން ނަގަން މިއަދު ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

މިއަދު މީރާއިން ވަނީ، އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް އިސްލާހެއް ގެނެސްފައެވެ. މި އިސްލާހުގައި ވާގޮތުން އެ ފަރާތެއް ނުވަތަ ކުންފުންޏެއް ވިޔަފާރީގެ މުއާމަލާތްކުރަން ބޭނުންކުރާ ފައިސާއަކީ، ރުފިޔާ ފިޔަވާ އެހެން ފައިސާއެއްނަމަ، އެ ފަރާތެއް ޓެކްސް ދައްކަން ޖެހޭނީ ޑޮލަރުންނެވެ.

އަދި އަންނަ މަހުގެ 31ވަނަ ދުވަހުން ފެށިގެން އެ ކުންފުނިތަކުގެ މާލީ ބަޔާންތައް ވެސް ތައްޔާރުކުރަން ޖެހޭނީ ޑޮލަރުންކަމަށް މި އިސްލާހުގައި ވެއެވެ.

މި އިސްލާހުގައި ވާގޮތުން، މާލީ ބަޔާން ރުފިޔާއިން ތައްޔާރުކުރާ ކުންފުނިތަކުން އާމްދަނީ ޓެކްސް މީރާއަށް ދައްކަންޖެހޭނީ ރުފިޔާއިން ނުވަތަ ޑޮލަރުންނެވެ.

އޭގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތްހޯލްޑިން ޓެކްސް، މުވައްޒަފުންގެ ވިތްހޯލްޑިން ޓެކްސް އަދި ކެޕިޓަލް ގެއިންސް ވިތްހޯލްޑިން ޓެކްސް ވެސް ދައްކަން ޖެހޭނީ ޑޮލަރުން ނުވަތަ ރުފިޔާއިން ކަމަށް ގަވައިދުގައިވެއެވެ.

ނަމަވެސް، މި ޓެކްސް ދައްކަންޖެހޭ ފަރާތްތަކަށް އާމްދަނީ ލިބޭ ފައިސާއަކީ ދިވެހި ރުފިޔާ ނޫން ފައިސާއެއްކަމަށް ވާނަމަ، އެ ޓެކްސް ދައްކަންޖެހޭނީ ޑޮލަރުންކަމަށް އިސްލާހުގައި ވެއެވެ.

ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކާ ފައިސާ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް، ގާނޫނާއި ގަވައިދަށް އިސްލާހު ގެންނަން ކެބިނެޓުން ނިންމީ މިދިޔަ މަހުގެ ތެރޭގައެވެ.

https://sun.mv/195940

އެ ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް މީގެ ކުރިން ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށް ޓަކައި ބްލެކް މާކެޓުގައި ފައިސާ މާރުކުރުމަކީ އާންމުކޮށް ލިބޭ ޝަކުވާއެއް ކަމަށެވެ. އެ ބަދަލު ގެންނަނީ އެކަމަށް ނިމުމެއް ގެނައުމަށްޓަކައި ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ދިމާވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.

comment ކޮމެންޓް