ޑޮލަރުން އާމްދަނީ ލިބޭނަމަ ދައުލަތަށް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދަނީ

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތައް، ދައުލަތަށް ވެސް ޑޮލަރުން ފައިސާ ދައްކަން ޖެހޭ ގޮތަށް އިސްލާހު ގެންނަން ނިންމައިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކާ ފައިސާ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް، ގާނޫނާއި ގަވައިދަށް އިސްލާހު ގެންނަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.

ރާއްޖެއަށް ޑޮލަރު ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރު މިހާރު ބައެއް ހާލަތްތަކުގައި ރުފިޔާއިން ފައިސާ ދައްކާ ކަމަށެވެ. އެގޮތުން އެ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް މީރާއަށް ދައްކަނީ ދިވެހި ރުފިޔާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނަމަވެސް ސަރުކާރުން ގާނޫނުތަކަށް ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން އަޅުގަނޑުމެން [އެކަން] ބަދަލުކުރަން ކެބިނެޓުން މިއަދު ވަނީ ނިންމާފައި. އެއީ ޑޮލަރުން އިންކަމް ލިބޭ ކުންފުނިތަކުން ރާއްޖެއަށް، މީރާއަށް ދައުލަތަށް ދައްކަން ޖެހޭ ފައިސާ މީގެ ފަހުން ޑޮލަރުން ދައްކަން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު، ޑޮލަރުން އާމްދަނީ ލިބޭ ބައެއް ކުންފުނިތަކުން މުސާރަ ޑޮލަރުން ދިން ނަމަވެސް ޕެންޝަނަށް ފައިސާ ދައްކަނީ ރުފިޔާއިންކަން އުޝާމް ފާހަގަކުރެއްވިއެވެ. އެހެންވެ، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ޑޮލަރުން މުސާރަ ދޭ ކަމަށްވާނަމަ ޕެންޝަން ފައިސާ ވެސް ދައްކަން ޖެހޭނީ ޑޮލަރުން ކަމަށް ކަނޑައަޅަން ކެބިނެޓުން ނިންމައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ކުރުމަށް ޓަކައި އެމްއެމްއޭއާ މަޝްވަރާކޮށް، މީރާއާ މަޝްވަރާކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ވަރަށް އަވަަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެން ގެންނާނަން،" އުޝާމް ވިދާޅުވިއެވެ.

މީރާ: ކެބިނެޓުން މިއަދު ނިންމާފައިވަނީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ވެސް ޑޮލަރުން ފައިސާ ދައްކާ ގޮތަށް އިސްލާހު ގެންނަން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މީގެ އިތުރުން ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ރާއްޖެއިން ބޭރުން ގެންނަ މުދަލަށް ދައްކާ ކަސްޓަމް ޑިއުޓީ ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ކެބިނެޓުން ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެން މިހަދަން ޖެހޭ ސަބަބަކީ ވަރަށް ގިނަ ފަހަރަށް ލިބޭ ޝަކުވާއެއް ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ރުފިޔާއިން ދެއްކުމަށް ޓަކައި ބްލެކް މާކެޓުގައި މާރުކުރާ ވާހަކައަކީ. އެހެންވީމަ މިކަމަށް ނިމުމެއް ގެނައުމަށްޓަކައި ކެބިނެޓުން މިއަދު ވަނީ މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ޓަކައި މި ތިން ކަންތައް ނިންމާފައި،" އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ނިންމުންތަކާ ގުޅިގެން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ހުށަހަޅާނެ ކަމަށާއި، ގަވައިދަށް ގެންނަން ޖެހޭ އިސްލާހުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ތަންފީޒު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު ބޭރު ފައިސާގެ ދަތިކަން ވަނީ ވަރަށް ބޮޑުވެފައެވެ. އެއާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވެފައި ވަނިކޮށް، ރުފިޔާ ކާޑުތަކަށް ޑޮލަރު ދޫކުރުން ހުއްޓާލަން ނިންމައިފައިވާކަން މިއަދު ބީއެމްއެލުން އިއުލާންކުރިއެވެ.

https://sun.mv/195930

އެ ނިންމުމާ ގުޅިގެން ބޭރުގައި ދިރިއުޅޭ ދިވެހިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މިއަދު ހަވީރު ބީއެމްއެލުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ.

ބީއެމްއެލުން ބުނެފައިވާ ގޮތުގައި އެ ބަދަލު ގެނައީ އެމްއެމްއޭގެ އިރުޝާދުގެ މަތިން ކަމަށެވެ.

comment ކޮމެންޓް