ގެސްޓް ހައުސް ތެރޭ ޒަޚަމުކޮށްލާފައި އޮތް މީހާ އަދިވެސް އައިސީޔޫގައި

އައިޖީއެމްއެޗު: ގެސްޓް ހައުސް ތެރޭ ޒަޚަމްކޮށްލާފައި އޮތް މީހާ އަދިވެސް އޮތީ އައިސީޔޫގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ހެންވޭރުގައި ހުރި ގެސްޓް ހައުސްއެއްގެ ތެރެއިން ޒަޚަމުކޮށްލާފައި އޮތް ދިވެހި ފިރިހެން މީހާއަށް އަދިވެސް ގެންދަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

ގެސްޓު ހައުސްތެރެއިން އެ ފިރިހެން މީހާ ޒަޚަމުތަކާއެކު ފެނުނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ދުވަހު އައިޖީއެމްއެޗްގެ އައިސީޔޫގައި އެ މީހާއަށް ފަރުވާ ދޭން ފެށިއެވެ.

'ސަން'އަށް މައުލޫމާތުދެއްވާ އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަދިވެސް އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

ނަމަވެސް، އޭނާގެ ހާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން 'ސަން'އަށް ބުނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެ މައްސަލައާ ގުޅޭގޮތުން އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ހޯމަ ދުވަހު ފުލުހުން ބުނީ، ހެންވޭރުގައި ހުރި ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ޚަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޮޓަރިއަށް ވަދެ ބެލިއިރު، އެ މީހާ ޒަޚަމުތަކަކާ އެކު އޮތް ކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް