އާސަންދައިން ކުރާ އިސްރާފު ހުއްޓުވުމަށް ޓަކައި، ބޮޑު އަގުގައި ބޭސް ވިއްކައި ނުހައްގު މަންފާ ހޯދުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.
މިފަދައިން އެންގެވިކަން ހާމަކުރެއްވީ ރައީސް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާޅުވީ ބޭސް އެތެރެކޮށް ރާއްޖޭގައި ވިއްކަނީ އެތައް ހާސް ގުނައެއް އިތުރަށް ފައިދާ ނަގާ މިންވަރުގައި ކަމަށެވެ.
އަދި އެ ވަރުގެ ބޮޑު ފައިދާއެއް ނުހައްގުން ނެގުން ހުއްޓުވުމަށް ފިޔަވަޅު އަޅަން އަންގަވައިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
"ޑޮކްޓަރީ ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ އަގުތައް ރާއްޖޭގެ ބާޒާރުގައި މިހާތަނަށް ހުރީ %200 އިން ފެށިގެން %2000 އާއި ދެމެދުގެ ފައިދާއެއް ނަގާ މިންވަރުގައި. ބޭސް ވިއްކުމުގައި މިވަރުގެ ބޮޑު ފައިދާ ނެގުން ހުއްޓުވުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް މިހާރު ވާނީ އަންގާފައި," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ސަބަބުން، ބޭހުގެ ބާޒާރު އަގާއި އާސަންދައިން ޗާޖުކުރާ އަގު ދަށްކުރެވޭނެ ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލާއި ތަފްސީލު ވަރަށް އަވަހަށް އާންމުކޮށް އިޢުލާންކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަދަލުގެ ނަތީޖާއެއްގެ ގޮތުން، އާސަންދައިން އިސްރާފުވަމުންދާ އެތައް ސަތޭކަ މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.
އަދި ޞިއްހީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ފައިސާ ބޭނުންކުރެވޭނެ މަގު ތަނަވަސްވާނެ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ހިލޭ ބޭސް ފަރުވާ ސްކީމް، އާސަންދައިގެ ތެރެއިން އެންމެ މުއްސަނދި މީހާއަށް ފައިދާވެ، އާދައިގެ ނިކަމެތި މީހާއަށް ގެއްލުންވާ ގޮތަށް އޮތް އޮތުން ބަދަލުކުރާނެކަމަށް ސަރުކާރުން މި ފަހުންވަނީ ބުނެފައެވެ.
އެއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.
ބޭހުގެ އަގުތައް ރެގިއުލޭޓުނުކުރެވުމުގެ ސަބަބުން ނުހައްގު އެތައް ފައިދާއެއް ބޭސް އެތެރެކުރާ ފަރާތްތަކުން އާސަންދަ ސްކީމު ތެރެއިން ހޯދައެވެ. އެހެންވެ އެތައް މިލިއަން ރުފިޔާއެއް ސްކީމުގެ ތެރެއިން އިސްރާފުވާއިރު އެކަމުގެ ޝަކުވާ އަބަދުވެސް ދާއިރާގެ އިސް ބޭފުޅުން ކުރެއެވެ.