ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ރޭ ދެއްވައިފިއެވެ.
އުނގޫފާރު ރިޖަނަލް ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށަން ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމަށް 24 ގަޑިއިރު މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.
"އެ މަނިކުފާނާ އެކު މި ރަސްމީ ސިފައެއްގައި މަސައްކަތް ކުރެވުނު 13 ވަރަކަށް މަސް ދުވަސް ތެރޭގައި، އެ މަނިކުފާނުގެ ޒައާމަތުގައި އަޅުގަނޑަށް ފެނުނީ އެކަން،" ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އުނގޫފާރު ރައްޔިތުން ތިބީ އުނގޫފާރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރަން ބޭނުންވެފައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެހެންކަމުން ރައީސް ވައުދުވެވަޑައިގެންނެވި ފަދައިން އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރެއްވުމަށް ހެލްތު މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަކީ ކޮބައިތޯ ބައްލަވައި އެކަން ބާރު ސުޕީޑްގައި ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ދަށުން މިހާރު ވަނީ މެންޓަލް ހެލްތު ޔުނިޓެއް ވެސް ގާއިމުކޮށްފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ މިދިޔަ ސަރުކާރުގެ ވެސް ވައުދެކެވެ. މި ސަރުކާރުން ވެރިކަމަށް އައީ ވެސް އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމުގެ ވައުދާ އެކުއެވެ.