ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމް އާސަންދައިގެ ޚިދުމަތް ދިނުމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީގެ ހޮސްޕިޓަލަކާއި، ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން އާސަންދައިން ބުނީ އަލަށް އާސަންދަ ޚިދުމަތް ދޭން ރާއްޖެއިން ބޭރުގެ ތިން ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެއީ އަބޫ ދާބީގެ ބުރްޖީލް މެޑިކަލް ސިޓީއާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލްގެ އިތުރުން ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލެވެ.
އާސަންދައިން ބުނީ މި ހޮސްޕިޓަލްތަކާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ޖެނުއަރީ 15އިން ފެށިގެން ވަކި އޫސުލެއްގެ ދަށުން މި ހޮސްޕިޓަލްތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށް ބުނެފައެވެ.

އާސަންދަ ޚިދުމަތް ރާއްޖެއިން ބޭރުގެ އިތުރު ތިން ހޮސްޕިޓަލަކުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: އާސަންދަ
އާސަންދައިގެ ދަށުން، ފެށުނީއްސުރެ މިހާރު އެންމެ ގިނަ ދިވެހީން ފަރުވާ ހޯދަން ދަނީ އިންޑިއާއިންނެވެ.
ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަތުމަށްފަހު މި އަހަރުގެ ޖެނުއަރީ މަހުގެ 13ގައި ދެއްވި ތަގުރީރުގައި ވިދާޅުވީ، މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ.
އެހެންވެ އެ ސްކީމްގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދުމަތް ދެވޭނެ އިންތިޒާމް މި އަހަރު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.