ޖިނާއީ މައްސަލައެއް ނެތްނަމަ ބުޅާ މަހުން ކާތަކެތި ހެދިކަމަށް ތުހުމަތުވާ އަރަފާތު ފުރުވާލަނީ

ބުޅާ މަސް ކައްކައި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީ އަރަފާތު ހޮސައިން: އިމިގްރޭޝަނުން ބުނީ އޭނާ ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ----

މަގުމަތިން ބުޅާ ހިފައި، އޭގެ މަސް ކެއްކި ކަމަށް ތުހުމަތުވާ އެމްޑީ އަރަފާތު ހޮސައިން، ފުލުހުންގެ ތަހުގީގު ނިމުމުން ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި އެ މީހާގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައި ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުންނެވެ.

އެ ޖަމިއްޔާއިން ކޮށްފައިވާ ޕޯސްޓެއްގައި ބަންގްލަދޭޝްގެ 32 އަހަރުގެ، އަރަފާތު ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށްފައެވެ. އަރަފާތު މަސައްކަތް ކުރަނީ ވަޅޯމަސް މާރުކޭޓުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އެ މިހާ ފުލުހުން ހޯދައި، އޭނާ އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 21ގައެވެ.

އެގޮތުން، އަރަފާތާމެދު އިމިގްރޭޝަނުން އަމަލުކުރާނެ ގޮތެއް ސާފުކުރުމަށް 'ސަން'އިން ސުވާލުކުރުމުން އިމިގްރޭޝަނުން މިއަދު ބުނީ، އޭނާ ޑިޓެންޝަންގައި ބަހައްޓައިގެން ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް، ފުރުވާލެވޭނެ ވަކި ތާރީޚެއް ބުނެފައިނުވާއިރު، އޭނާ ފުރުވާލުމަށް ފަހު އިތުރު މައުލޫމާތު ހިއްސާކުރާނެ ކަމަށް ބުނެފައިވެއެވެ. އަރަފާތު ފުރުވާނީ ޖިނާއީ އެއްވެސް މައްސަލައެއް ނެތްނަމައެވެ.

https://sun.mv/195753

އެ މީހާއާ ގުޅޭ މައުލޫމާތު އާންމުވުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، އޭނާ ކާބޯތަކެތި ވިއްކީ ކޮން ތަނެއްގައިތޯއާއި، ކިހާ ދުވަހަކުތޯ ފަދަ ހުރިހާ މައުލޫމާތެއް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެ މީހާގެ މައްސަލަ ފުލުހަށް ހުށަހެޅީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ.

އެގޮތުން މުޑުދާރުކޮށް ފޯއް ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް