ބުޅާ މަސް ކެއްކި ކަމަށް ބުނާ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި

ބުޅާ މަސް ކައްކައި ވިއްކާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީ އަރަފާތު ހޮސައިން: ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައި --

މަގުމަތިން ބުޅާ ހިފައި، އެ މަރައި، އޭގައި ކާބޯތަކެތި ތައްޔާރުކުރުމުގެ ތުހުމަތުގައި އިމިގްރޭޝަނުން ހޯދަމުން އައި ބަންގްލަދޭޝް މީހާ ފުލުހުން ހައްޔަރުކޮށް އިއްޔެ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އެ މީހާގެ މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައި ފީލައިން ވެލްފެއާ އޯގަނައިޒޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްގެ 32 އަހަރުގެ، އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށްފައެވެ. އެ މީހާ ގަވައިދާ ޚިލާފަށް މަސައްކަތް ކުރަނީ ވަޅޯމަސް މާރުކޭޓުގައި ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.

އޭގެ ފަހުން އިމިގްރޭޝަނުން ވަނީ އެ މީހާ ހޯދަން އިއުލާނުކޮށްފައެވެ. އެއާއެކު އިއްޔެ އޭނާ ހައްޔަރުކޮށްފައިވަނީ ހެނދުނު 10:32 އެހާކަންހާއިރު މާލެއިންނެވެ.

ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އެ މީހާ އިއްޔެ ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެ މީހާގެ މައްޗަށް އަޅާނެ ފިޔަވަޅަކާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން އިމިގްރޭޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިހާރު ބަލަމުންދާތީ އަދި ވަކި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ. އެހެންނަމަވެސް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށާއި އޭނާގެ މައްޗަށް އަޅާނެ ފިޔަވަޅެއް ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މީހާއާ ގުޅޭ މައުލޫމާތު އާންމުވުމާ އެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަން ފަށައިފައެވެ. އެގޮތުން، އޭނާ ކާބޯތަކެތި ވިއްކީ ކޮން ތަނެއްގައިތޯ، ކިހާ ދުވަހަކުތޯއާއި ހުރިހާ މައުލޫމާތެއް ކަމާ ގުޅުންހުރި އިދާރާތަކުން ހާމަކުރަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ މީހާގެ މައްސަލަ ފުލުހަށް ހުށަހެޅީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ. އެ މިނިސްޓްރީގެ އިތުރުން ހޯމް މިނިސްޓްރީން ވެސް މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާފުތާހިރުކަން ކުޑަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ. އެގޮތުން މުޑުދާރުކޮށް ފޯއް ހިއްކައި ވިއްކަމުންދިޔަ ބިދޭސީންތަކެއް ވެސް އަތުލައިގެންފައިވެއެވެ.

comment ކޮމެންޓް