ބާރުތައް މުށުތެރެއަށްލާ ކަމަށް ބުނެ ކައުންސިލްތަކުން ބިނާވެށި ގާނޫނާ ދެކޮޅު ހަދައިފި

ލޯކަލް ކައުންސިލްތަކުގެ އެސޯސިއޭޝަންގެ ބައްދަލުވުމެއްގެ ތެރެއިން: އެ އެސޯސިއޭޝަނުން ވަނީ ބިނާވެށި ގާނޫނާ ދެކޮޅު ހަދާފައި -- ފޮޓޯ/ ކައުންސިލްތަކުގެ އެސޯސިއޭޝަން

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރުމާ އެކު ކައުންސިލްތަކަށް ލިބިދޭ ބާރުތައް ވަޒީރެއްގެ "މުށުތެރެއަށްލާ" ކަމަށް ބުނެ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަނުން މިއަދު އެ ބިލާ ދެކޮޅު ހަދައިފިއެވެ.

އެ ދެ ބިލަކީ ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22ގައި ފާސްކުރި ދެ ބިލެވެ. އެ ބިލުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އެއާއެކު ޖެހިގެން އައި ހޯމަ ދުވަހު ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ އާއްމު މެންބަރުންގެ ފުރަތަމަ ކުއްލި ބައްދަލުވުމެއް ބާއްވާ، ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ގަރާރެއް ފާސްކޮށް އެ ދެ ބިލާ ދެކޮޅު ހަދާފައެވެ.

އެ ޖަމިއްޔާއިން ބުނީ، ރައްޔިތުންނާ އެންމެ ގާތުން ރައްޔިތުން ތަމުސީލުކޮށްދީ، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް އެ ގާނޫނުގެ ސަބަބުން ކުރާ ކަމަށެވެ. އަދި، އެ ބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައަށް އެންމެ ފައިދާ ވާނެ ގޮތަށް ރާވާ ތަރުތީބުކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެން ދިޔުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ބިލަށް ރައްޔިތުންގެ މަޖިލީހުން ޚިޔާލު ހޯދުމަށް ހުޅުވާލި ކުރު މުއްދަތުގައި އެ ޖަމިއްޔާއިންނާއި، މެންބަރު ކައުންސިލްތަކާއި، ރާއްޖޭގެ ފަންނީ މާހިރުންނާއި، އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ޚިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތްކޮށްފައިނުވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި، ލޯކަލް ގަވަމަންޓް މިނިސްޓްރީއާއި މަޝްވަރާކޮށްފައިނުވާ ކަމަށް އެ މިނިސްޓްރީ ހާމަކޮށްފައިވާ ކަމަށާއި މިނިސްޓަރު މަޖިލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާ އެ ގާނޫނު ތައާރުޒުވާކަން ވަނީ ފާހަގަކޮށްފައެވެ.

އެއާއެކު އެ ގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާހިރުން އެކަހެރިކުރުމުގެ ސަބަބުން އެ މިނިސްޓްރީން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް "ހިޔަނިއެޅިއްޖެ" ކަމަށް ވެސް ބުނެފައިވެއެވެ.

މުޖުތަމައުގެ ބަހެއް ނެތި، ސަރުކާރުތަކުން ވިއްކަމުންދާ ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ރައްޔިތުންގެ ފައިދާއަށް ރާވާ ތަރުތީބުކުރުމަށް ހުރި ދޮރުތައް އެ ގާނޫނުން ބަންދުކޮށް، ވަޒީރެއްގެ މުށުތެރެއަށް ގައުމުގެ ހުރިހާ ވަސީލަތްތައް ބޭނުންކުރުމުގެ ބާރު ލައިދޭ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ގަރާރު

އެ ޖަމިއްޔާއިން ބުނީ މިހާތަނަށް އެފަދަ ގާނޫނުތައް އުފަންކޮށްގެން ރައްޔިތެއްގެ އެއްވެސް ބަހެއްނެތި ވަޒީރަކަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމަންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ދިވެހި ރައްޔިތުންނަށް ފައިދާވެފައިނުވާ ކަމަށެވެ.

އަދި، ރައްޔިތުންގެ ބަހާއި ބައިވެރިވުމާ ނުލާ ހިންގާފައިވަނީ އެންމެ ބޮޑެތި ވައްކަމާއި ޚިޔާނާތާއި ޓެކުންކަން ރާއްޖޭގެ ތާރީޚުން ދައްކުވައިދޭ ކަމަށް ބުނެ، އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެހެންކަމުން އެ ގާނޫނު އަނބުރާ އިސްލާހުކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. އަދި، މިހާރު އެ ގާނޫނު އޮތް ގޮތާ ދެކޮޅުކަމަށް އިގުރާރުވެ، ގާނޫނު އިސްލާހުކުރުމަށް ކެނޑިނޭޅި ވަކާލާތުކޮށް މަސައްކަތްކުރުމަށް އެ ޖަމިއްޔާގެ ކުއްލި ބައްދަލުވުމުގައި މެންބަރުން ވަނީ އިގުރާރުވެފައެވެ.

https://sun.mv/196481

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، މި ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްވުމަށް ފަހު، ޕްލޭންތައް ތަންފީޒު ވަމުންދާ ގޮތް ބެލުމާއި ބިން ތަރައްގީކުރުމުގެ ހުއްދަތައް ދެވެނީ ވަކި އިދާރާތަކަކަށެވެ.

އޭގެ ތެރޭގައި، ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އާބަން ސަރަހައްދުތައް ޕްލޭން ކުރަން ކަނޑައަޅާ އިދާރާތަކާއި ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކުގެ އިތުރުން އިގުތިޞާދީ ޚާއްސަ ސަރަހައްދުތައް ޕްލޭން ކުރުމަށް ކަނޑައަޅާ އިދާރަތައް ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅުވައިގެންނެވެ.

ކައުންސިލްތަކުން ވެސް މި ބިލާ ދެކޮޅު ހަދާފައިވާއިރު، އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔައިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެ ބިލަށް ފާޑުކިޔައިފައެވެ. އެގޮތުން، ބިނާވެށި ޕްލޭންކުރުމުގެ ގާނޫނޫގެ ދަށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެ ރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

comment ކޮމެންޓް