ބިނާވެށި ޕްލޭންކުރުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ރައީސް ތަސްދީގު ކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ދެ ބިލަކީ ވެސް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 22ގައި ފާސްކުރި ދެ ބިލެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިގުތިޞާދީ އަދި އިޖުތިމާއީ ގޮތުން އެކަށީގެންވާ ގޮތެއްގައި ބިން ތަރައްގީކޮށް ބެލެހެއްޓޭނެ ފަދައިން ބިނާވެށި ޕްލޭން ކުރަން މަގުފަހި ކުރުމާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ތަރައްގީކުރުމަށް މަގުފަހިވާނެ ގޮތަށް ބިނާވެށި ޕްލޭންކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

އެ ގާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭންކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެއިތުރުން، މި ގާނޫނުގެ ދަށުން ބިނާވެށި ޕްލޭންތައް އެކުލަވާލައި ފާސްވުމަށްފަހު، ޕްލޭންތައް ތަންފީޒު ވަމުންދާ ގޮތް ބެލުމާއި ބިން ތަރައްގީ ކުރުމުގެ ހުއްދަތައް ދެވެނީ ވަކި އިދާރާތަކަކަށެވެ.

އޭގެތެރޭގައި، ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި އާބަން ސަރަހައްދުތައް ޕްލޭން ކުރަން ކަނޑައަޅާ އިދާރާތަކާއި ސިނާއީ ސަރަހައްދުތައް ޕްލޭންކުރުމަށް ކަނޑައަޅާ އިދާރާތަކުގެ އިތުރުން އިގްތިޞާދީ ޚާއްސަ ސަރަހައްދުތައް ޕްލޭން ކުރުމަށް ކަނޑައަޅާ އިދާރަތައް ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅުވައިގެންނެވެ. އެގޮތުން އެ އިސްލާހުގެ މަގުސަދަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ބަދަލު ލާމަރުކަޒީ ގާނޫނަށް ގެނައުމެވެ.

އެ އިސްލާހުގައި ވަނީ، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށްފައެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔައިރު އިދިކޮޅު އެމްޑީޕީން އެ ބިލަށް ފާޑުކިޔައިފައިވެއެވެ. އެގޮތުން ބިނާވެށި ޕްލޭންކުރުމުގެ ގާނޫނޫގެ ދަށުން ރަށުގެ ރައްޔިތުންގެ ބައިވެރިވުމަކާ ނުލައި، އެރަށެއްގެ ބިން ޕްލޭންކޮށް ބޭނުންކުރުމަށް މަރުކަޒީ އިދާރާތަކަށް ފުރިހަމައަށް ބާރު ލިބޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

comment ކޮމެންޓް