މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ވޭތުވެ ދިޔަ ތިން ދުވަސް ތެރޭ މާލެއާއި ހުޅުމާލެއިން 291 އުޅަނދު ފާސްކޮށް، 77 އުޅަނދަށް ފިޔަވަޅު އަޅައިފިއެވެ.
މި ފަހުން މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އަންނަނީ އިތުރުވަމުންނެވެ. އެހެންވެ ފުލުހުން އަންނަނީ ހުޅުމާލެއާއި މާލޭގައި ވެސް އާންމުކޮށް ބާރުބޮޑުވާ ގަޑިތަކުގައި ގިނަ އަދަދަކަށް ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ވަނީ ވޭތުވެ ދިޔަ ތިން ދުވަސް، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ތަފާސްހިސާބުތައް އާއްމުކޮށްފައެވެ.
އާދިއްތަ ދުވަހުގެ 18:00 އިން ފެށިގެން ހޯމަ ދުވަހުގެ 18:00އަށް ހުޅުމާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސްހިސާބު:
- ހުއްޓުވައި ބަލާ ފާސްކޮށްފައިވާ އުޅަނދުތައް: 229 ސައިކަލާއި 30 ކާރު
- ފިޔަވަޅު އެޅި އުޅަނދުތައް: 53 ސައިކަލާއި ދެ ކާރު
- ލައިސަންސް ނެތި ދުއްވި އުޅަނދުތައް: އަށް ސައިކަލު
- ޓޯކުރި އުޅަނދުތައް: 14 ސައިކަލާއި ތިން ކާރު
- ނަސޭހަތްދިން އުޅަނދުތައް: 37 ސައިކަލު
- ނުރައްކާތެރިކޮށް ދުއްވި އުޅަނދުތައް: ފަސް ސައިކަލު
ހޯމަ ދުވަހުގެ 09:00 އިން ފެށިގެން އިއްޔެގެ 09:00 އަށް މާލޭގައި ކޮށްފައިވާ މަސައްކަތުގެ ތަފާސް ހިސާބު:
- ހުއްޓުވައި ބަލާ ފާސްކޮށްފައިވާ އުޅަނދުތައް: 22 ސައިކަލާއި 10 ކާރު
- ފިޔަވަޅު އެޅި އުޅަނދުތައް: 19 ސައިކަލާއި ތިން ކާރު
- ލައިސަންސް ނެތި ދުއްވި އުޅަނދުތައް: 15 ސައިކަލާއި ދެ ކާރު
- ޓޯކުރި އުޅަނދުތައް: 19 ސައިކަލާއި ތިން ކާރު
- ނަސޭހަތްދިން އުޅަނދުތައް: ތިން ސައިކަލާއި ހަތް ކާރު
- ނުރައްކާތެރިކޮށް ދުއްވި އުޅަނދުތައް: ތިން ސައިކަލާއި އެއް ކާރު
އާންމުކޮށް ބާރުބޮޑުވާ ގަޑިތަކުގައި ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާއިރު، ސިނަމާލެ ބްރިޖު ޕެޓްރޯލް ކުރަން މި ހަފުތާ ތެރޭ ސައިކަލު ބޭނުންކުރަން ފަށާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ ސަބަބުން، އެކްސިޑެންޓެއް ހިނގައިފި ނަމަ އެ ސީނަށް ފުލުހުންނަށް ވީހާ ވެސް އަވަހަށް ދެވޭނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުުރުން ގަވާއިދާ ޚިލާފަށް ޕާކުކުރާ ގިނަ އުޅަނދުތަކެއް ފުލުހުން ވޭތުވެދިޔަ މަހު ވެސް ޓޯކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ފުލުހަށް 1،953 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.