ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނެއް ފެނިއްޖެ

ނ. ހޮޅުދޫ ---

ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރުވެފައި އޮތް އަންހެނެއް މިއަދު ހެނދުނު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ޒަޚަމްތަކަކާއެކު އެ އަންހެން މީހާ ފެނުމުން މިއަދު ހެނދުނު ހެލްތު ސެންޓަރަށް ގެންދިޔަކަމަށެވެ.

ނިޔާވެފައިވަނީ އެ ރަށު 50 އަހަރުގެ ޒަކިއްޔާ މޫސާއެވެ. އޭނާގެ ފިރިއަކާއި ދެ ފިރިހެން ކުދިން ތިިބިއިރު، ދޮށީ ފިރިހެން ދަރިފުޅު ދިރިއުޅުނީ އޭނާއާއެކުގައެވެ.

އެ ރަށު ކައުންސިލް ރައީސް ރިލްވާން މުޙައްމަދު "ސަން"އަށް ވިދާޅުވި ގޮތުގައި މިހާރު ފުލުހުންގެ ފޮރެންސިކް ޓީމުން އަންނަނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށް ހަރަކާތްތެރިވަމުންނެވެ.

އޭގެ އިތުރަށް އަދި ތަފްސީލެއް އެނގިނުލައްވާކަމަށް ވިދާޅުވިއެވެ.

އެ ރަށުން ވާހަކަދެއްކި ބައެއް މީހުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަކިއްޔާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދި މީހެކެވެ. ނަމަވެސް މި ކަން ރަސްމީ އެއްވެސް އިދާރާއަކުން، ނުވަަތަ އާއިލާއަކުން ވެސް ކަށަވަރު ނުކޮށްދެއެވެ.

ޒަކިއްޔާ މިއަދު ހެނދުނު ވެސް ބައެއް މީހުންނާ އިރުކޮޅަކަށް ވާހަކަދެއްކި ކަމަށާއި އޭގެ ފަހުން އޭނާ މަރުވެފައި އޮއްވައި ފެނުމާ މާ ގިނައިރުތަކެއް ނުވާނެކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.

ޒަކިއްޔާގެ ކަރުން ޒަޚަމްތަކެއް ފެނުނުއިރު އޭނާގެ ކައިރި ވަޅިއެއް ވެސް އޮތްކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ޝައްކުކުރެވޭކަމަށް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ އެ ކަން ތަހުގީގުކުރުމަށް އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް