އަނިޔާވެރިކަމަށް ބާރުއެޅިކަމުގެ ތުހުމަތުގައި އިމްރާން ޚާންގެ ޕާޓީގެ އިސް ވެރިންތަކެއް ހައްޔަރުކޮށްފި

މިހާރު ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން. އިމްރާން މިނިވަން ކުރުމަށް ގޮވައިލައި ކުރި މުޒާހަރާތަކަކާ ގުޅިގެން ނިސްބަތްވެވަޑައިގަންނަވާ ޕާޓިގެ އިސް ވެރިންތަކެއް ވަނީ ހައްޔަރުކޮށްފައި. ފޮޓޯ/އޭއެފްޕީ

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ނިސްބަތްވެވަޑައިގަންނަވާ، ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި) ގެ އިސް ވެރިންތަކެއް އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ލީޑަރުން ހައްޔަރުކޮށްފައި ވަނީ އިމްރާން ދޫކޮށްލުމައި ގޮވައިލައި ޕީޓީއައި އާއި އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ނުކުމެ މުޒާހަރާ ކުރިތާ އެއް ދުވަސް ފަހުންނެވެ.

އެ މީހުން ހައްޔަރު ކުރީ އަނިޔާވެރިކަމަށް ބާރުއެޅި ކަމަށް ތުހުމަތުކޮށެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޓީއައިގެ ރައީސް ގޯހަރު ޚާން ވެސް ހިމެނިވަޑައިގަންނަވައެވެ.

ޕީޓީއައި އިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހިނގަމުންދާ އެތައް ރެއިޑެއްގައި ޕާޓީގެ އެހެން އިސް އޮފިޝަލުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަންދުކޮށްފައި ވަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުގެ ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

ދެހާސް ބާވީސް ވަނަ އަހަރު ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައި ވެރިކަމުން ދުރުކޮށް މިހާރު ޖަލަށް ލާފައިވާއި އިމްރާން ދޫކޮށްލުމަށް ގޮވައިލައި އެތައް ހާސް ބަޔަކު ވަނީ ހޮނިހިރު ދުވަހު މުޒާހަރާކޮށްފައެވެ.

މުޒާހަރާގެ ތެރެއިން، ވެރިރަށް އިސްލާމްއާބާދުގެ ބޭރުގައި އޮންނަ ސަންޖްރާނީ ޓައުންއާ އެއް މޭލު ދުރުގައި އޮންނަ ހައިވޭއެއްގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންގެ ކުރިމަތިލުންތަކެއްވެސް ހިނގިއެވެ.

މުޒާހަރާގައި ޕީޓީއައިގެ ލީޑަރުން ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އިމްރާން ދޫކޮށްނުލައިފިނަމަ ގަދަކަމުން ޖަލުން މިނިވަން ކުރާނެ ކަމުގެ އިންޒާރުދީފައެވެ.

އިމްރާނަށް ގާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ޚިޔާނާތުގެ މައްސަލައެއްގައި ހުކުމް އިއްވުމުން އޭނާ ޖަލުގައި ހުންނަތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެއްޖެއެވެ.

އިމްރާނަކީ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އެންމެ ބޮޑު އިދިކޮޅު ފަރާތެވެ. ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުންނާއި ޕީޓީއައި އިން ބުނާ ގޮތުގައި، އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެކެވެ.

comment ކޮމެންޓް