އިމްރާނާއި އަނބިކަނބަލުންނަށް ކޮރަޕްޝަންގެ އިތުރު ދައުވާއެއް

އިސްލާމް އާބަދުގެ ކޯޓުގެ ބޭރުގައި އިމްރާން ޚާންގެ ސަޕޯޓަރުން މުޒާހަރާ ކުރަނީ -- ފޮޓޯ/ޖެޓީ އިމޭޖަސް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ވެރިކަމުގައި އޭނާގެ ސަރުކާރަށް ލިބުނު ހަދިޔާތައް ގަވާއިދާ ޚިލާފަށް ވިއްކުމާ ގުޅޭ އިތުރު މައްސަލައެއްގައި އިމްރާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ޕާކިސްތާނުގެ ކޯޓަކުން ބުރާސްފަތި ދުވަހު ދައުވާ އުފުލާފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މިއީ މި ދެމަފިރިކަނބަލުންގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ތިންވަނަ މައްސަލައެވެ.

އެންޓި ކޮރަޕްޝަން ވޮޗްޑޯގުން ތުހުމަތުކުރާ މައްސަލައިގައި އިމްރާނާއި ބުޝްރާ ވަނީ ބޭރު ގައުމެއްގެ ލީޑަރަކު ހަދިޔާކުރި އަގުބޮޑު ގަހަނާ ސެޓެއް ގަތް ކަމަށް ބުނާ މައްސަލައިގައި ކުށަށް އިއުތިރާފުވެފައެވެ. އޭގެ ތެރޭގައި މާކެޓް އަގަށް ވުރެ މާ ދަށް އަގެއްގައި ގަނެފައިވާ ހާރަކާއި ކަންފަތުގައި ޖަހާ ގަހަނާއާއި، އަތުގައި އަޅާ ގަހަނާގެ އިތުރުން އަނގޮޓި ވެސް ހިމެނޭ ކަމަށް އޮފިޝަލުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެ ގަހަނާ ސެޓަކީ ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ހަދިޔާކުރައްވާފައިވާ ސެޓެކެވެ.

ޕާކިސްތާނުގެ ގާނޫނުތަކުގައި ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް ބޭރުގެ އިއްޒަތްތެރިން ދީފައިވާ ހަދިޔާތައް ބެހެއްޓުމުގެ ހުއްދަ އޮތް ނަމަވެސް އެ ހަދިޔާތަކުގެ މާކެޓް ވެލިއު އިއުލާންކޮށް، ވިއްކުމަށް ފަހު ލިބުނު ފައިސާއެއް އިއުލާނުކުރަން ޖެހެއެވެ.

މިދިޔަ އޭޕްރީލް މަހު އިސްލާމްއާބާދު ހައިކޯޓުން ވަނީ އެފަދަ މައްސަލައެއްގައި އިމްރާންގެ މައްޗަށް އިއްވާފައިވާ ތިން އަހަރުގެ ހުކުމް ސަސްޕެންޑްކޮށްފައެވެ. އެ މައްސަލައަކީ "ތޫޝް ޚާން 1" ގެ ނަމުން ނަން ދީފައިވާ މައްސަލައެވެ.

އެންމެ ފަހުން ދައުވާ އުފުލާފައިވަނީ "ތޫޝް ޚާން 2" ގެ ނަމުން ނަންދީފައިވާ އިމްރާނާއި އޭނާގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި)ގެ އެހެން ލީޑަރުންގެ މައްޗަށް އުފުލާފައިވާ ދައުވާއެވެ. އެ ދައުވާ އުފުލާފައިވަނީ ކޮރަޕްޝަންގެ މައްސަލައިގައި މިދިޔަ މެއި މަހު އިމްރާން ހައްޔަރުކުރުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެންނެވެ.

އެ މައްސަލައިގައި އައިއެޗްސީން ވަނީ މިދިޔަ މަހު ކަފާލާތުގެ ދަށުން އިމްރާން ދޫކޮށްލާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސްވަނަ ދުވަހު ހައްޔަރުކުރި ފަހުން އިމްރާންގެ މައްޗަށް އެތައް ދައުވާއެއް އުފުލާފައިވަތީ އެ މަނިކުފާނު އަދިވެސް ހުންނެވީ ޖަލުގައެވެ.

ކުރިން 2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ވެރިކަމުން ދުރުކުރުމަށް ފަހު، ފިތުނަވެރިކަމާއި ޓެރަރިޒަމް ހިމެނޭ ގޮތަށް އެތައް މައްސަލައެއްގައި އެ މަނިކުފާނުގެ މައްޗަށް ދައުވާކޮށް ޖަލަށްލާފައިވަނީ ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ވެރިކަމުގައެވެ.

ޕީޓީއައިއިން އަންނަނީ އެ މަނިކުފާނު މިނިވަންކުރުމަށް ގޮވާލަމުންނެވެ. ޢިމްރާނަކީ މިހާރުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފާ އިދިކޮޅުގައި އެންމެ ވާދަވެރި ބޭފުޅާއެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުންނާއި ޕީޓީއައިއިން ބުނާ ގޮތުގައި، އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެކެވެ.

comment ކޮމެންޓް