އިމްރާންޚާންގެ އަނބިކަނބަލުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެފި

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް ގޮވައިލައި މިދިޔަ މަހު ކުރި މުޒާހަރާގައި އަނބިކަނބަލުން ބުޝްރާ ބީބީ ބައިވެރިވެވަޑައިގަންނަވަނީ.ފޮޓޯ/ރޮއިޓާސް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ހައްޔަރުކުރުމުގެ އަމުރެއް އެ ގަމުގެ ކޯޓަކުން ނެރެފިއެވެ.

ބުޝްރާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައި ވަނީ ޚިޔާނާތުގެ މައްސަލައެއްގެ އަޑުއެހުންތަކަށް ތަކުރާރުކޮށް ހާޒިރު ނުވުމުން ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެއެވެ.

ޖެނުއަރީ މަހުން ފެށިގެން ޖަލުގައި ހުރި ޚާންގެ އަނބިކަނބަލުން ބުޝްރާ ބީބީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ އޮކްޓޫބަރު މަހުއެވެ. ބުޝްރާ ޖަލަށްލާފައި ވަނީ 2018އިން 2022 އަށް އިމްރާންގެ ވެރިކަމުގައި އޭނާގެ ސަރުކާރަށް ލިބުނު ހަދިޔާތައް ގަވާއިދާ ޚިލާފަށް ވިއްކުމާ ގުޅޭ މައްސަލައެއްގައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި އިމްރާންގެ މައްޗަށް ވަނީ ހަތަރު މައްސަލައެއް ސާބިތުވެފައެވެ. އޭގެ ތެރެއިން ދެ މައްސަލަ ބާތިލުކޮށްފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހަދިޔާތަކާ ގުޅޭ މައްސަލަވެސް ހިމެނެއެވެ.

ބުރާސްފަތި ދުވަހު ހައްޔަރު ކުރުމުގެ އަމުރުގެ އިތުރުން ބުޝްރާ ޚާންގެ ގެރެންޓީ ދޭ ފަރާތަށް ވެސް ކޯޓުން ވަނީ ނޯޓިސް ފޮނުވާފައެވެ.

ދެހާސް ބާވީސް ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި އިމްރާން ވެރިކަމުން ދުރުކުރުމަށް ފަހު، ފިތުނަވެރިކަމާއި ޓެރަރިޒަމް ހިމެނޭ ގޮތަށް އެތައް މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށް ޖަލަށްލާފައި ވަނީ ޕާކިސްތާންގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ވެރިކަމުގައެވެ.

މިހާތަނަށް ޢިމްރާނަށް ވަނީ 150 އަށް ވުރެ ގިނަ މައްސަލައިގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ތުހުމަތުކޮށް، ޕާކިސްތާނުގެ ގާނޫނުގެ ދަށުން ތިން އަހަރާއި 10 އަހަރާއި 14 އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމް އިއްވާފައެވެ.

ޢިމްރާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި) އިން އަންނަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލަމުންނެވެ. ޢިމްރާނަކީ މިހާރުގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފާ އިދިކޮޅުގައި އެންމެ ވާދަވެރި ފަރާތެވެ. ޕާކިސްތާނުގެ ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުންނާއި ޕީޓީއައިއިން ބުނާ ގޮތުގައި، އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެކެވެ.

comment ކޮމެންޓް