ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓާ ދަންޖެހުނު އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި ސިޔާސީ ބޭފުޅުންނާއި މިނިސްޓަރުން ނުކުމެވަޑައިގެން އިތުރަށް "ބަލަންޖެހޭނެ ކަމެއް ނެތޭ" ވިދާޅުވުމުން ރައްޔިތުން ކުރިމަތީގައި ވެއްޓުނީ ފުލުހުންގެ އަގު ކަމަށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭގައެވެ. އެއަށްފަހު އޭނާއަށް އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހު ވަނީ މަރުވެފައެވެ.
އަތުހަރުގެ މަރުގެ މައްސަލައިގައި ކަމާ ގުޅުން ހުރި އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން މީގެ ކުރިން ވެސް ތުހުމަތުކޮށްފައިވެއެވެ.
އެމްޑީޕީން ރޭ ބޭއްވި 'ހަވަރު ބެރު ޕެނަލް ޑިސްކަޝަން'ގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ އަތުހަރުގެ މަރުގެ މައްސަލާގައި ފުލުހުންނަށް މާބޮޑު ބާރެއް ނެތް ކަމަށާއި އެކަމުގައި ސަރުކާރުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
އެ މަރާ ގުޅިގެން ރަހީނުކުރި އަންހެން މީހާގެ އާއިލާގެ ކަންބޮޑުވުންތައް ވެސް ހުއްޓައި، ހޯމް މިނިސްޓަރު އަލީ އިހުސާން ނުކުންނަވައި، އެ މައްސަލައިގައި ބަލަންޖެހޭނެ އިތުރުކަމެއް ނެތް ކަމަށް ވިދާޅުވުމަކީ 'ދެރަ ކަމެއް"ގެ ގޮތުގައި މާރިޔާ ސިފަކުރެއްވިއެވެ.
މީގައި އެންމެ ކަންބޮޑުވާ ކަމަކީ، އޭނަ ކުރި ކަންތައް އެއްވެސް ހާލެއްގަ ރަނގަޅުކުރަނީކީ ނޫން. އާއިލާގެ ކަންބޮޑުވުން ވެސް ހުއްޓާ ސަރުކާރުން ހޯމް މިނިސްޓަރު ނުކުމެވަޑައިގެން މީގަ ބަލަންޖެހޭ ކަމެއް ނެތޭ، އިތުރަށް ބަލާކަށް ނުޖެހެއޭ ވިދާޅުވުމުން އެއީ ވަރަށް ދެރަ ކަމެއް، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
މާރިޔާ ވިދާޅުވީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބަލަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކަމެއްގައި މިނިސްޓަރުން ވެސް އަމަލުކުރައްވަން ޖެހޭނީ އެކަން ބެލެހެއްޓޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ގޮތަކަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ރައްޔިތުންގެ ކުރިމަތީ ގެއްލެނީ ފުލުހުންގެ އަގު ކަަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ފުލުހުންނަށް ލިބިދޭ ބާރުތަކުގެ މައްޗަށް އެހެން ނޫފޫޒުތައް އަންނަ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ފުލުސް ބޯޑު އޮވޭ. ފުލުހުންގެ ތެރޭގަވެއި ސް ބެލެން އޮވޭ. އިންޓަގްރިޓީ ކޮމިޝަން އޮވޭ. މިނިސްޓަރުން ނުކުމެވަޑައިގެން ފުލުހުންނަށް އެ ފުރުސަތު ނުދެއްވާ އަމިއްލަފުޅަށް އެހެން ވިދާޅުވުމުގެ ސަބަބުން ރައްޔިތުން ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓެމުން ދަނީ، ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ
މާރިޔާ ވިދާޅުވީ ގާނޫނުގެ ދަށުން ވިކްޓިމްއަށް ނުވަތަ އަނިޔާ ލިބޭ ފަރާތަށް އެންމެ މުހިންމު ކަމަކަށް ވާނީ އަނިޔާ ކުރި ފަރާތަށް އެކަމުގެ ހައްގު އަދަބު ލިބުން ކަމަށެވެ. ނަމަވެސް އެ އަދަބު ނުލިބި ގައިދީން ބޭނުންވުމުން އަމިއްލައަށް މަރުވުމަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ އެފަދަ ފުރުސަތެއް ލިބިގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވިޔަ ނުދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.
ދައުލަތެއްގެ ބެލުމުގެ ދަށުގައި ހުންނަ ގައިދީއަކާ މެދު އަމަލުކުރަންވީ ގޮތް ޖަލުތަކާ ޕެރޯލްތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އޭގެ ތެރޭގައި ކެމެރާތައް ވެސް ބަލަހައްޓައި މޮނިޓާކުރަން ޖެހޭކަން ލިޔެފައި އޮންނާނެ ކަމަށެވެ.
އަތުހަރުގެ މަރާ ގުޅޭ މައުލޫމާތު، މިނިސްޓަރު އިހުސާނާއި ފުލުހުން ހިއްސާކުރީ އާންމުންނަށް ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
އޭނާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ޕޯސްޓްމޯޓަމް ހެދުމަށްފަހު އަތުހަރުގެ ހަށިގަނޑު މާލެ ގެނައީ މިދިޔަ އާދިއްތަ ދުވަހުގެ ރެއެވެ. އެރޭ އޭނާގެ ޖަނާޒާ ބާއްވާފައިވެއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ އިތުރުން ފުލުހުންގެ ތެރޭގައި ވެސް އަންނަނީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަހުގީގެއް ހިންގަމުންނެވެ.