ސަފާރީގައި ރޯވި އަލިފާންގަނޑު އަދިވެސް ނުނިއްވޭ: އެމްއެންޑީއެފް

ހުޅުމާލެ ފަޅުތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެ ފަޔާ ފައިޓަރުން ހަރަކާތްތެރިވާ މަންޒަރު: އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ނުނިއްވޭ ކަމަށް -- ފޮޓޯ/ މުހައްމަދު ރިޝާން

މިއަދު ފަތިހު ހުޅުމާލެ ފަޅު ތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި ރޯވި އަލިފާންގަނޑު އަދިވެސް ނުނިއްވޭ ކަމަށާއި އެކަމަކު މީހަކަށް ގެއްލުވިކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 03:42 ހާއިރެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދިނެވެ. އެހެންނަމަވެސް، އަދި މިހާތަނަށް އަލިފާންގަނޑު ނުނިއްވޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

https://sun.mv/198850

މި ހާދިސާ ހިނގިއިރު އެ ސަފާރީގައި ތިބި 12 ފަޅުވެރިން ކައިރީގައި އޮތް ޑައިވިން ދޯންޏަކަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ފަޅުވެރިންނަކީ ފަސް ބިދޭސީންނާއި ހަތް ދިވެހިން ކަމަށް މައުލޫމާތުދިނެވެ. ބިދޭސީންގެ ތެރޭގައި ސްރީލަންކާ، ބަންގްލަދޭޝް އަދި އިންޑިއާއަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

ސަފާރީގައި އަލިފާން ރޯވިއިރު، އޭގައި ހުރީ ޑައިވިން ކުރުމަށް ބޭނުންކުރާ ސާމާނުކަމަށް އެ ސަފާރީގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ.

މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް މައުލޫމާތެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް، ސަފާރީ ވަނީ އަލިފާން ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ހިއްސާކުރި ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ސަފާރީގައި އެއްކޮށް ކަހަލަ ގޮތަކަށް ރޯވެ، އަނދާ އަޅިއަށްވާ މަންޒަރު ފެނެއެވެ.

comment ކޮމެންޓް