އަނެއްކާވެސް މާލޭގައި އެކްސިޑެންޓެއްވެ، އަނިޔާވި ތިން މީހަކަށް ފަރުވާ ދެނީ

މިރޭ ހިނގާދިޔަ އެކްސިޑެންޓުގެ ވީޑިއޯގެ ސްކްރީންޝޮޓެއް: އަނިޔާވި މީހަކަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުން --

މާލޭގައި މިރޭ ދެ ސައިކަލު އެކްސިޑެންޓުވެ، އަނިޔާވި ތިން މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

މިކަމާ ގުޅިގެން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 18:29ހާއިރު، މާފަންނު ބަސް ޓާމިނަލް ކައިރީ ކަމަށެވެ.

އެ އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވި ކަމަށާއި އެއީ ދިވެހި ފިރިހެނަކާއި ދެ ބިދޭސީ ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ. އެ ތިން މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ ތިން މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލު މިހާތަނަށް ފުލުހުންނާއި އައިޖީއެމްއެޗްގެ ފަރާތުން ވެސް ލިބިފައިނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ނުރައްކާތެރި އެކްސިޑެންޓުތައް މި ހަފުތާ ތެރޭ މާލޭ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިން ވަނީ ހިނގައިފައެވެ.

https://sun.mv/196448

އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިއްޔެ ހެނދުނު ވެސް އެކްސިޑެންޓެއް ހިނގައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އަދި މާލެއިން ހުޅުމާލެއަށް އަރާ ހައިވޭގައި ވިލާ ޕެޓްރޯލް ޝެޑް ކައިރީ ރޭ އިތުރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެފައިވެއެވެ.

އޭގެ ކުރިން ހުކުރު ދުވަހުގެ މެންދަމު، ލައިސަންސް ނެތް ޒުވާނެއް ދުއްވި ކާރަކުން ޖެހި، ޒުވާން ދިވެހި ފިރިހެނަކު ވަނީ ނިޔާ ވެސް ވެފައެވެ.

https://sun.mv/196422

އޭގެ ކުރިން ބުދަ ދުވަހުގެ ރޭ މާލޭ، ފަތާ ޓްރެކް ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑުކުރިމަތީ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވެއެވެ. އެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް ފަރުވާ ދެމުން ދަނިކޮށް ރޭ ވަނީ ނިޔާވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1907 ޓްރެފިކް އެކްސިޑެންޓް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 431 އެކްސިޑެންޓްގެ އިތުރުވުމެކެވެ.

އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާއިރު މަގުތަކުގެ ރައްކާތެރިކަމާމެދު ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގާނޫނާއި ގަވައިދަށް ބަދަލު ގެނެސް، ތަންފީޒުކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ ހަފުތާގައި އަންގަވައިފައެވެ.

comment ކޮމެންޓް