ދިފާއީ އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތަކަށް ސިފައިންގެ އިސްވެރިން އިންޑިއާގައި

އެމްއެންޑީއެފުން އިންޑީއާގެ ކޯސްޓްގާޑަށް ކުރި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ/ އިންޑިއާ ކޯސްޓްގާޑް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއާއި އެމްއެންޑީއެފްގެ އެހެން ޖެނެރަލުން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޑިފެންސް ފޯސްއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއާއި އެ ގައުމާ ދެމެދު ފަސްވަނަ 'ޑިފެންސް ކޯޕަރޭޝަން ޑައިލޮގް' ހުކުރު ދުވަހު ނިއުދިއްލީގައި ބާއްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ޑިފެންސް ސެކެޓްރީ ޝޫރީ ގިރިދަރު އަރަމާނެ ކަމަށްވާއިރު، ރާއްޖެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް ހިލްމީއެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ ދިފާއީ އެއްބާރުލުމާ ގުޅޭ ކަންކަމުގައި މަޝްވަރާކުރި ކަމަށް ވެސް ބަޔާނުގައިވެއެވެ.

ފަސް ވަނަ 'ޑިފެންސް ކޯޕަރޭޝަން ޑައިލޮގް' ގެ ތެރެއިން ---- ފޮޓޯ/ އިންޑީއާ ޑިފެންސް މިނިސްޓްރީ

އެ ގޮތުން، ދެ ގައުމުން ދިފާއީ އެއްބާރުލުން ދިނުމުގެ މަޝްރޫއުތައް އަވަސް ކުރުމާއި މަތީ ފެންވަރުގެ އެކްސްޗޭންޖުތަކާއި ކެޕޭސިޓީ ޑިވެލޮޕްމަންޓު މަޝްރޫއުތައް ފަދަ އެހެން ދާއިރާތަކުގެ އިތުރުން ދެ ގައުމުގެ އަސްކަރީ ތަމުރީނުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން، އެ ދަތުރުފުޅުގައި މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ނެޝަނަލް ވާ މެމޯރިއަލްއަށް ޒިޔާރަތްކުރައްވާފައިވާއިރު، އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް އަނިލް ޗައުހާންއާ ބައްދަލުކުރައްވާފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދިފާއީ އެއްބާރުލުމާއި ސަރަހައްދީ ސަލާމަތާ ގުޅުވައި މަޝްވަރާކުރައްވާފައިވެއެވެ.

އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ދިނެޝް ކޭ ތްރިޕާތީ ހިލްމީ ބައްދަލު ކުރައްވަނީ ---

އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ދިނެޝް ކޭ ތްރިޕާތީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭޖާ ޖެނެރަލް ހިމްލީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ތަމުރީނާ ގުޅޭ މައުލޫމާތާއި ކަނޑުގެ ވަސީލަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އެ ދަތުރުފުޅުގައި އެމްއެމްޑީއެފްގެ ވަފުދު ވަނީ އެ ގައުމުގެ ކޯސްޓްގާޑަށް ވެސް ޒިޔާރަތްކޮށްފައެވެ.

comment ކޮމެންޓް