ތިލަމާލެ ބުރިޖުގެ މޮނީޓަރިން ކޮމިޓީ ބައްދަލުވުން އިންޑިއާގައި ބާއްވައިފި

އިންފްރާސްޓްރަޖްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިންޑިއާގެ ހައިކޮމިޝަނަރު މުނޫ މަހާވަރާ އެކުގައި -- ފޮޓޯ/ އެކްސް

ތިލަމާލެ ބުރިޖުގެ މޮނީޓަރިން ކޮމިޓީގެ 12ވަނަ ޖޮއިންޓް ބައްދަލުވުން އިންޑިއާގެ މުމްބާއީގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި އިންފްރާންސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ބައިވެރިވެ ވަޑައިގަތެވެ.

މިނިސްޓްރީން މިރޭ އެކްގައި ކުރި ޕޯސްޓެއްގައިވަނީ ތިލަމާލެ މަޝްރޫއުގެ މޮނިޓަރިން ކޮމިޓީގެ ކޯ-ޗެއާކަން ކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރު ކަމަށެވެ.

މި ބައްދަލުވުމުގައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ރަނގަޅަށް ކުރިޔަށްދާކަން ޔަގީންކުރުމަށް ޓަކައި ސްޓްރެޓެޖިކް އަދި ޓެކްނިކަލް ފެންވަރުގައި މަޝްވަރާތައް ކުރެވުނު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީއާއި އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބައިވެރިވުން ޔަގީން ކުރުން ކަމަށެވެ. އަދި އެންމެ މަތީ ސިޔާސީ އެއްބާރުލުން ލިބިގެންދިއުމަކީ މަޝްރޫއުގެ ދުވެލި ދެމެހެއްޓުމާއި، ޓައިމްލައިނާ އެއްގޮތަށް މަޝްރޫޢު ނިމޭނެކަން ކަށަވަރުކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މި ބައްދަލުވުމުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރާއެކު އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް މުޙައްމަދާއި ސްޓޭޓް އިސްމާޢީލް ހަމީދާއި މިނިސްޓްރީގެ ޓެކްނިކަލް ޓީމު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންގެ އިތުރުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާއި، އިންޑިއާގެ އެގްޒިމް ބޭންކާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުގެ އިތުރުން ކޮންސަލްޓަންޓްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހާރު މި މަޝްރޫއުގެ 43.59 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. ތިލަމާލެ ބްރިޖުން މާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި ތިލަފުށި ގުޅައިލެވޭނެއެވެ. މީގެ ކުރިން އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވަނީ މަޝްރޫއުގެ ސެގްމަންޓްތައް ނިމޭ ވަރަކުން އާންމުނަށް ބްރިޖު ބޭނުންކުރަން ހުޅުވައިލާނެ ކަމަށެވެ.

ބްރިޖުގެ މަޝްރޫއުގެ ސެގްމަންޓައް ނިމޭނެ ކަމަށް ބުނެފައިވާ ތާރީޚު:

  • މާލެއިން ވިލިމާލެއަށް - 31 ޑިސެންބަރު 2025
  • މާލެއިން ގުޅީފަޅަށް - 31 މާޗު 2026
  • ގުޅީފަޅުއިން ތިލަފުށްޓަށް - 30 ސެޕްޓެމްބަރު 2026

ތިލަމާލެ ބުރިޖުގެ މަޝްރޫއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފެށި މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް