އިންޑިއާގެ ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލި މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގައި އާރް ޖީ ކާ މެޑިކަލް ކޮލެޖްގެ ކުރީގެ ޕްރިންސިޕަލް، ސަންދީޕް ގޯޝް ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަނީ ސަންދީޕާއެކު ފުލުހުންގެ އޮފިސަރު އަބިޖިތު މޮންޑަލް ވެސް އިއްޔެ ރޭ ހައްޔަރުކޮށްފައެވެ.
ގޯޝްގެ މައްޗަށް ކުރާ ދައުވާއަކީ ޑޮކްޓަރުގެ މަރު އިއުލާނު ކުރުން ލަސްކުރުމާއި، ފަސްޓް އިންފޮމޭޝަން ރިޕޯޓު (އެފްއައިއާރް) ހުށަހެޅުން ލަސްކުރުން ކަމަށް ފުލުހުން ބުނެއެވެ.
ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެ ކޮލެޖުގައި ހިންގި ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ގޯޝް މީގެކުރިން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައިގައި ހިމެނޭ ފުލުހުންގެ އޮފިސަރު މޮންޑަލްގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނީ ކުށުގެ ވެށި ހިމާޔަތް ނުކުރި ކަމުގެ ދައުވާ ކަމަށް ރޮއިޓާސްއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ކޮލްކަތާގެ ޑޮކްޓަރުން ވަނީ މައްސަލައިގައި އިންސާފު ލިބެންދެން މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ. އަދި މި މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މެޑިކަލް ކޮލެޖުތަކުގައި ދަރިވަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން އިތުރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އެފަރާތްތަކުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ކޮލްކަތާގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ތެރޭގައި، އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު މަރައިލައިފައި އޮއްވައި ފެނުނީ އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރެކެވެ. އޭނަ މަރައިލައިފައި އޮއްވައި ފެނުނީ އެ ހޮސްޕިޓަލުގެ ސެމިނާ ރޫމްގައެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ސެމިނާ ރޫމަށް ގޮސްފައި ވަނީ ދިގު ޝިފްޓަކަށްފަހު އަރާމުކޮށްލުމަށެވެ.
ވެސްޓް ބެންގާލް ސަރުކާރުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއް ވެސް އެކުލައިވައިލާފައެވެ. ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މައްސަލައިގެ ތަހުގީގު އަވަސްކުރުމާއި، މުސްތަގުބަލުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން ހިމެނެއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އާންމުކުރި ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންޑިއާގައި އަންހެނުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2022 ވަނަ އަހަރު ވަނީ ހަތަރު އިންސައްތަ އިތުރުވެފައެވެ.