ރައީސްގެ ގައުމީ ދުވަހުގެ ތަގުރީރަށް ދިރާސާ ހަދައި، ދަރިވަރުންނަށް އިއްވަންޖެހޭ: ނައިބު ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް: ރައީސްގެ ގައުމީ ދުވަހުގެ ތަގުރީރަށް ދިރާސާ ހަދައި، އެ ތަގުރީރު ދަރިވަރުންނަށް އިއްވަންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވި ތަގުރީރު ދަރިވަރުންނަށް އިއްވައި، އެ ތަގުރީރުގެ މައްޗަށް ދިރާސާތައް ހަދަން ޖެހޭ ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.

އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ނައިބު ރައީސް ވިދާޅުވީ، މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ދެއްވީ ވަރަށް ވަރުގަދަ ދަރުހެއް ކަމަށާއި އެއީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް ވަރަށް މުހިންމު ތަގުރީރެއް ކަމަށެވެ.

"ރައީސްގެ އެ ތަގުރީރަކީ ރާއްޖޭގެ ހުރިހާ ކޮލެޖު ޔުނިވާސިޓީއެއްގައި އަދި ސްކޫލް މަދަރުސާއެއްގައި ދަރިވަރުންނަށް އިއްވައި ފަހުމުކޮށްދީ އޭގެ މައްޗަށް ދިރާސާތައް ހަދައި އިބުރަތް ލިބިގަންނަން ޖެހޭ ހައްގުހުރި ވާހަކަފުޅުތަކެއް،" ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ މިނިވަން އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ޓަކައި ގައުމާ މެދު ފަޚުރުވެރިވާ ދިވެހި ދަރިންތަކެއް އުފެއްދުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އެހެންވެ، ގައުމީ ބަތަލުންގެ ވާހަކަތައް އެކުދީންނަށް ކިޔައިދީ، ސަގާފަތާއި އާދަކާދަތައް ދަސްކޮށްދީ، ދިވެހިބަހުން ރީތިކޮށް ވާހަކަ ދައްކައި ލިޔެކިޔުމަކީ ކިހާ ފަޚުރުވެރިކަމެއްކަން ވިސްނައިދޭން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މިގައުމުގެ މިނިވަންކަމާ މެދު ދިވެހިންގެ ހިތްތަކުގައި ކަންބޮޑުވުން އޮތް ވަގުތެއްގައި ކަމަށެވެ. އެހެންވެ އެ މަނިކުފާނު އެންމެ ފުރަތަމަ ވެސް އިސްކަން ދެއްވީ ދިވެހީންގެ މިނިވަންކަން ކަށަވަރު ކޮށްދެއްވަން ކަމަށާއި އެގޮތުން ރާއްޖޭގެ ސަރަހައްދު ދިވެހިންނަށް އަމިއްލައަށް ބެލެހެއްޓޭނެކަން ރައީސް ސާބިތުކޮށްދެއްވައިފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް މާއުނގޫދުއަށް ވަޑައިގަތުން: ރައީސްގެ ގައުމީ ދުވަހުގެ ތަގުރީރަށް އެ މަނިކުފާނު ތައުރީފު ކުރެއްވި -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން ރާއްޖޭގެ އެއްގަމާއި ކަނޑާއި ވަޔާއި ކަނޑުއަޑީގެ ޗާޓު ކުރަހާނީ ވެސް ދިވެހީން ކަމުގައި އެ މަނިކުފާނު ނިންމަވައިދެއްވައި، ދިވެހީންގެ ވިޔަފާރިތަކުގެ ތެރެއަށް ގަވައިދާ ޚިލާފަށް ވަދެ އުޅުނު އެތައް ބައިވަރު ބިދޭސީންތަކެއް މި ސަރުކާރުން އަނބުރާ ފޮނުވާލައިފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"މިއީ ދިވެހީންގެ މިނިވަންކަން ކަށަަވަރު ކުރުމަށްޓަކައި އެ މަނިކުފާނު ފައްޓަވައިފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖެ މިވަގުތު ވެއްޓިފައި އޮތް އިގުތިސާދީ އަނދަވަޅުން ސަލާމަތް ކުރުމަށް ޓަކައި ރައީސް ގެންދަވަނީ ރެއާއި ދުވާލު މަސައްކަތް ކުރައްވަމުން ކަމަށާއި އެ މަސައްކަތްތައް ވަރަށް ގާތުން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް އަބަދުވެސް ގެންގުޅުއްވާނީ ދިވެހީންނަށް އިސްކަންދޭ 'ޕްރޯ މޯލްޑިވްސް' ސިޔާސަތުކަން އެ މަނިކުފާނު ދައްކަވަމުން ގެންދަވާ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"ޚާރިޖީ ގުޅުންތަކުގެ ވަޒަންތައް ހަމަ ކުރައްވައި ރާއްޖޭގެ ކުރިއެރުމަށް އެހީވާ ހުރިހާ ގައުމަކާއެކީ ވެސް ގުޅުން ބަދަހި ކުރެއްވުމުން މިއީ ދިވެހިންނަށް އެންމެ ރަނގަޅު ގޮތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތަކާއި ވިސްނުން ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ބެލެނިވެރިންނާއި މުދައްރިސުންނާއި އެންމެހައި ރައްޔިތުންނަށް ނަސޭހަތްތެރިވެއްޖެއެވެ.

ރައީސް ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތަކާއި ވިސްނުން ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

https://sun.mv/196366

އެ މަނިކުފާނު ވިދާޅުވީ، ދިވެހީންނަކީ އަބަދު ވެސް މިނިވަންކަމުގެ ބަތަލުން ކަމަށާއި ދިވެހީންގެ ތަބީއަތަކީ ވެސް މިނިވަންކަން މަތީ ދެމިތިބުން ކަމަށެވެ. އެހެންވެ މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާކުރަނީ އެ އަސާސުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވެފައެވެ.

comment ކޮމެންޓް