ޔޫރޯ ސްޓޯރުގެ ގުދަނެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

އަލިފާން ރޯވި ގުދަނުގެ އެތެރެ: އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ނިއްވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

ޔޫރޯ ސްޓޯރުގެ ގުދަނެއްގައި މިއަދު އަލިފާން ރޯވެ، ގެއްލުންތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވީ މއ. އޮލިވީނާގޭގެ ތިންވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރުގެ ގުދަނެއްގައެވެ.

އަލިފާން ރޯވެފައިވަނީ އެ ގުދަނުގައި ހުރި ކަރަންޓުބޯޑެއްގައި ކަަމަށް އެމްއެންޑީއެފުން މައުލޫމާތުދިނެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަޙައްދަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ގޮސް މިހާރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ރޯވި ގުދަނުގެ އެތެރެ: އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ނިއްވާލާފައި -- ފޮޓޯ/ އެމްއެންޑީއެފް

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ހާދިސާއާ ގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އަލިފާން ނިއްވާލިއިރު އެ ގުދަނަށް ވަނީ ގެއްލުންތަކެއް ވެފައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގުދަނުގައި ގިނަ އަދަދެއްގެ މުދާތައް ހުރި ފޮށިގަނޑުތަކެއް ވެސް ހުއްޓެވެ. އަދި، ގުދަނުގެ ސީލިންއާއި ފާރުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

comment ކޮމެންޓް