މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުރި އާދަމް އަތުހުރި މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށް އަތުހަރު މަރުވީ މިދިޔަ ހޯމަ ދުވަހުގެ ހަވީރު 4:08 އެހާކަންހާއިރެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓެމް ހަދަން ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާފައިވާ ކަމަށެވެ.
އޭނާގެ ޕޯސްޓްމޯޓެމް ހަދަން ހަމަޖެހިފައިވަނީ މާދަމާއެވެ.
ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.
ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވި ކަމަށް ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކޮށްގެން ސައިކަލުގައި ފިލަން މަސައްކަތްކުރަނިކޮށް ފުލުހުން އަތުހަރު ހުއްޓުވީ އޭނާގެ ބޮލަށް މުގުރުން ހަމަލާ ދިނުމަށް ފަހުއެވެ. އެއަށް ފަހު އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލިއެވެ.
އޭޑީކޭއިން ދޫކޮށްލި ފަހުން އަތުހަރު ހޮޑުލާތީ ހުކުރު ދުވަހު އޭނާ އައިޖީއެމްއެޗަށް ގެންގޮސް، އޮބްޒަވޭޝަންގައި ފަރުވާ ދޭން ފެށިއެވެ. އެއަށް ފަހު އޭނާ ދޫކޮށްލުމާއެކު ފުލުހުން އޭނާ ހައްޔަރުކުރިއެވެ. އަދި، އަތުހަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމުން ފުލުހުން އޭނާ ދޫނިދޫ ކަސްޓޯޑިއަލްއަށް ގެންދިޔައެވެ.
އެއަށް ފަހު އޭނާ އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އައިޖީއެމްއެޗަށް ގެންގޮސް، ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައެވެ.
މި މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ދަނީ ތަހުގީގުކުރަމުންނެވެ.