އަތުހަރުގެ މަރު: އިންސާފުވެރި ތަހުގީގެއް ކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފި

އަތުހަރުގެ ހަށިގަނޑު އައިޖީއެމްއެޗުން އެމްބިއުލަންސްގައި ގެންދަނީ: އަތުހަރުގެ މަރާ ގުޅޭގޮތުން އިންސާފުވެރި ތަހުގީގެއް ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައި -- ސަން ފޮޓޯ

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި އާދަމް އަތުހަރުގެ މަރުގެ މައްސަލައިގައި އިންސާފުވެރި އަދި މިނިވަން ތަހުގީގެއް ކުރަން ކަމާ ގުޅުން ހުރި އިދާރާތަކަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރޭ ގޮވާލައިފިއެވެ.

އެ ކަމަށް ގޮވާލާ، ޓްރާންސްޕޭރެންސީން ވަނީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން މޯލްޑިވްސް އަދި މެންޓަލް ހެލްތު ސަޕޯޓް ގްރޫޕާ އެކު ޖޮއިންޓް ބަޔާނެއް ނެރެފައެވެ.

އާދިއްތަ ދުވަހުގެ ރޭ ދޫނިދޫ ޖަލުގައި ދަންޖެހިފައި ހުއްޓާ ފެނިގެން އައިޖީއެމްއެޗަށް ގެންދިޔަ އަތުހަރު އިއްޔެ ހަވީރު 16:08ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަތުހަރުގެ އޮޓޮޕްސީ ހެދުމާ އޭނާގެ އާއިލާއިން ދެކޮޅު ނަމަވެސް، އަތުހަރުގެ އޮޓޮޕްސީ ހެދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

މި މައްސަލައިގައި ޓްރާންސްޕޭރެންސީން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގަކާ ގުޅިގެން ފުލުހުންގެ ބަންދުގައި ހުއްޓާ އަތުހަރުގެ ހާލު ދެރަވެ، އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވުމާ ގުޅިގެން އެ މައްސަލައިގައި ސީންއަށް އެޓެންޑުކުރި ގޮތުގެ އިތުރުން އެ ހިސާބަށް މި މައްސަލަ ދާން މަގުފަހިވި ސަބަބުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަތުހަރުގެ ހައްޔަރާއި އަދި މަރުވުމަށް ދިމާވި ހާލަތުތައް މިނިވަންކަމާއި، އިންސާފުވެރިކަމާއި، ފުރިހަމަ އަދި ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އަށާއި، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން އަދި ކަމާ ގުޅުންހުރި އެންމެހާ ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަން،

ވަކިން ޚާއްސަކޮށް އަތުހަރު ހައްޔަރުކުރިއިރު ފުލުހުން ބާރުގެ ބޭނުން ކުރި ގޮތާއި މަރުހޫމްގެ ސިއްހީ ހާލަތަށް ބަލާ ރިމާންޑްގައި ބަންދުކުރުމަށް ނިންމި ސަބަބުތައް ބެލުމަކީ ކޮންމެހެން މުހިންމު ކަންކަން ކަމުގައި ގަބޫލުކުރާކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ތަހުގީގުތައް ކުރުމުގައި އާއިލާއަށް ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމާއި އާއިލާއަށް އިހުތިރާމުކުރެވޭ ފަދަ ގޮތަކަށް ތަހުގީގުތަށް ގެންދިޔުމަށް މުއައްސަސާތަކަށް ވަނީ ގޮވާލައިފައެވެ.

ބައެއް އިސްލާހީ ބަދަލުތައް ގެނައުމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެ ބަދަލުތަކަކީ:

  • ތަހުގީގު ހާމަކަންބޮޑު ގޮތަކަށް އަވަހަށް ހިންގާ، ތަހުގީގުން ފާހަގަވާ ކަންކަން ހާމަކުރުން.
  • ކަސްޓޯޑިއަލް ޖަލުތަކުގައާއި ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކާ މެދު އަމަލުކުރާ ގޮތާއި، ޖަލުތައް ހިންގާގޮތް ގަވާއިދުން މޮނިޓާކޮށް ހަރުދަނާކޮށް، ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ކަސްޓޯޑިއަލް ޖަލުތަކާ ބެހޭ ނިޒާމު އިސްލާހުކުރުމަށް ކުރާ މަސައްކަތުގައި ކަމާބެހޭ ހުރިހާ އިދާރާތަކެއްގައި ރިހެބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަންގެ ޚިދުމަތްތައް ބަންދުގައި ތިބޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމްތައް ކަށަވަރުކުރުން.
  • ސިއްހީ ނިޒާމުގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް ބޭނުންވާ ޚިދުމަތް އެންމެންނަށް އެއް ހަމައެއްގައި ފޯރުކޮށްދިނުމާއި އަދި ޚާއްސަކޮށް ނަފުސާނީ ބަލިތަކާއި މަސްތުވާތަކެތީގެ ސަބަބުން ދިމާވާ ބަލިތައް ތަހައްމަލުކުރާ ފަރާތްތައް ޖަލުގައި ބަނދުކުރުން މަދުކުރުމަށާއި ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެއްލިދާނޭ ފަދަ ކަންކަން މަކުރުމަށް ސިއްހީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް އިންވެސްޓުކުރުން.
  • ބަންދުގައިވާ ފަރާތްތަކަށް ލިބެންޖެހޭ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމާއި ސިއްހީ ނިޒާމު އަދި އިޖުތިމާއީ ޚިދުމަތުގެ ނިޒާމުގައި ހަރަކާތްތެރިވާ މުއައްސަސާތައް މިހާރަށްވުރެ ހަރުދަނާ ގޮތަކަށް ގުޅިގެން މަސައްކަތްކުރުން.
  • ރަހީނުކުރެވޭ ހާލަތްތައް ފަދަ ހައްސާސް ހާލަތްތަކުގައި ގެންގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް މުރާޖައާކުރުމާ އެކު މިފަދަ ހާލަތްތަކުގައި މައިގަނޑު އަމާޒަކަށް ވާންވާނީ ކްރައިސިސް އިންޓަވެންޝަން އަދި ޑީ-އެސްކެލޭޝަން ޓެކްނިކްސް ބޭނުންކުރުން ކަމުގައި ޔަގީންކުރުން އަދި ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފުލުހުންނަށް އެފަދަ ޕްރެޝަރު ބޮޑު ހާލަތްތައް މެނޭޖުކުރާނެ ގޮތުގެ ތަމުރީނުދިނުން.
  • ކަސްޓޯޑިއަލް ފެސިލިޓީތަކުގެ ހާލަތާ ގުޅޭގޮތުންނާއި ޖަލުތަކާއި ކުޑަކުދިންނާއި އެހެނިހެން ފަރާތްތައް މަރުކަޒުކޮށްފައިވާ ތަންތަނާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ދީފައިވާ ހުށަހެޅުންތަކާއި ލަފާތައް ވީހާ ވެސް އަވަހަށް ތަންފީޒުކުރުން.

މީގެ އިތުރުން ވެސް ގާނޫނުލްއުގޫބާތާއި ޖިނާއީ އިޖުރާއަތްތައް ބޭނުންކުރުމުގައި ރުޖޫއީ އިންސާފު ނޫނީ ރެސްޓޮރޭޓިވް ޖަސްޓިސްގެ ފަލްސަފާގެ އަލީގައި މަސައްކަތްކުރުމަށް މިހާރު އަމަލުކުރަމުންދާ ސިޔާސަތުތަކާއި، ގާނޫނުތަކާއި ގަވާއިދުތައް މުރާޖައާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ގައިދީންނަށް ދެވޭ ފުރުސަތުތަކުގެ ތެރޭގައި މާފުދިނުމާއި ޕެރޯލް އަދި ޕްރޮބޭޝަން ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމަށް ބާރުއެޅުމަށް ވަނީ ގޮވާލާފައެވެ.

https://sun.mv/196299

ފުލުހުން މިއަދު ބުނި ގޮތުގައި ދޫނިދޫ ޖަލުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުނީ ރޭ 19:02 ގައެވެ. ހަމަ އެ މިނެޓުގައި ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވި ކަމަށާއި ތިން މިނެޓު ފަހުން ސްޓްރެޗާއަށް ލައިގެން އޭނާ ގޮޅިން ނެރެ 19:06 ގައި ދޫނިދޫ ކްލިނިކަށް ގެންގޮސް ޑޮކްޓަރު އޭނާގެ ހާލަތު ބެލި ކަމަށް އެ ޓައިމްލައިންގައި ބުންޏެވެ.

އޭގެ އަށް މިނެޓު ފަހުން ފުލުހުން ވަނީ ލޯންޗުގައި އަތުހަރު މާލެ ގެންގޮސްފައެވެ. އެއަށް ފަހު 19:25 ގައި އައިޖީއެމްއެޗް އިމަޖެންސީގައި އަތުހަރަށް ފަރުވާދޭން ފެށި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އަތުހަރު ޖަލު ގޮޅީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވެސް ނޫސްވެރިންނަށް ދައްކައިފައެވެ.

އަތުހަރުގެ މަރުގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ.

comment ކޮމެންޓް