ބީއެމްއެލްގެ ބޯޑަށް އިރުފާނާއި ޝާހިދުގެ ނަން ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުން ހުށަހެޅި މުހައްމަދު ޝާހިދު --

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑަށް ސަރުކާރުން ދެ ނަމެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށަހަޅާފައިވާ އެ ދެ ނަމަކީ މުހައްމަދު ޝާހިދު އާއި އަލީ އިރުފާނުއެވެ. އެއީ ބޯޑުގެ ހުސްކޮށް ހުރި މަގާމުތަކަށް އައްޔަނުކުރަން ސަރުކާރުން ފޮނުވާފައިވާ ދެ ނަމެވެ.

އެ ދެ ނަން ހުށަހެޅިކަން ބީއެމްއެލްއިން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ވަނީ ހާމަކޮށްފައެވެ.

މުހައްމަދު ޝާހިދަކީ، މޯލްޑިވްސް ޕެންޝަން އޮފީހުގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ މީރާގައި އެކި ޑިޕާޓްމަންޓްތަކުގެ ޑިރެކްޓާ ޖެނެރަލް ފަދަ އިސް މަގާމުތައް އަދާކުރައްވާފައެވެ.

އަލީ އިރުފާން، ވަނީ މީގެ ކުރިން މާލީ ދާއިރާގެ ތަފާތު މަގާމުތައް ފުރުއްވާފައެވެ. އޭނާ އަކީ މިހާރު ވެސް ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ފައިނޭންސް މޮޑަނައިޒޭޝަން އެންޑް ރީފޯމްގެ ޕްރޮޖެކްޓް ޑިރެކްޓަރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބީއެމްއެލްގެ ބޯޑަށް ބަދަލު ގެނައުމަށް މި މަހު ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފައެވެ. ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން އެދުނީ މިދިޔަ އޮގަސްޓު މަހުގެ 24ގައެވެ.

https://sun.mv/196039

އެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އޮންނާނީ މި މަހު 21ގައި ކަމަށާއި އެ ޖަލްސާގެ އެޖެންޑާގައި ހިމެނޭނީ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެގޮތަށް ނިންމާފައި ވަނީ އެ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި ކުރި އިއުލާނަކާ ގުޅިގެން ސަރުކާރުގެ ފާޑު ކިޔުން ބޯޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އަދި ބޭންކުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑުން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފައި ވަނިކޮށެވެ.

ސަރުކާރުން ވަނީ ބީއެމްއެލްއިން އެ އިއުލާން ކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި ރައީސް ވަނީ އެއީ ބަޣާވާތެއް ކުރަން އުޅުން ކަމަށް ސިފަކުރައްވާފައެވެ.

comment ކޮމެންޓް