ބީއެމްއެލް ބޯޑު ބަދަލުކުރަން ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަނީ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: ބީއެމްއެލްއިން ވަނީ ބޯޑު ބަދަލުކުރަން އީޖީއެމްއެއް ބާއްވަން ނިންމާފައި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑަށް ބަދަލު ގެނައުމަށް އަންނަ މަހު ހިއްސާދާރުންގެ ޖަލްސާއެއް ބާއްވަން އިއުލާންކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ ބައްދަލުވުން ބާއްވަނީ، ހިއްސާދާރުންގެ ބައްދަލުވުމެއް ބޭއްވުމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އޮގަސްޓު މަހުގެ 24ގައި އެދިފައި އޮތުމުން ކަމަށެވެ.

އެ އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އޮންނާނީ އަންނަ މަހު 21ގައި ކަމަށާއި އެ ޖަލްސާގެ އެޖެންޑާގައި ހިމެނޭނީ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބޯޑަށް ބަަދަލު ގެންނަނީ، އެ ބޭންކުން ރުފިޔާ ކާޑަށް ޑޮލަރު ދޫނުކުރަން ނިންމައި މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނަކާ ގުޅިގެން ސަރުކާރުގެ ފާޑު ކިޔުން ބޯޑަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ބޭންކުގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން ވަކިކޮށްފައިވާ ކަމަށް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ސިޓީ ފޮނުވާފައިވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ވެސް ދެއްވައިފައި ވަނިކޮށެވެ.

https://sun.mv/196017

ސަރުކާރުން ވަނީ ބީއެމްއެލްއިން އެ އިއުލާން ކުރީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާ ޚިލާފަށް ކަމަށް ބުނެފައެވެ. އަދި ރޭ ރައީސް ވަނީ އެއީ ބަޣާވާތެއް ކުރަން އުޅުމުގެ ގޮތުގައި ސިފަކުރައްވާފައެވެ.

https://sun.mv/196001

ރޭ ވެރިކަން ކުރާ ޕީއެންސީން ބޭއްވި ޖަލްސާގައި ވަނީ ބޭންކުގެ ސީއީއޯގެ އިސްތިއުފާއަށް ވެސް ގޮވާލާފައެވެ.

ބީއެމްއެލްއިން އެ އިއުލާން ކުރުމާ ގުޅުވައި، އިދިކޮޅުން ބަޣާވާތެއް ކުރަން އުޅުނު ކަމުގެ ތުހުމަތުކޮށް ފުލުހުން ވަނީ ތަހުގީގެއް ވެސް ފަށައިފައެވެ.

comment ކޮމެންޓް